ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އާ ކަންތައްތައް ތައާރަފްކުރުމުގެ ތެރެއިން މި ވަގުތު މިސްރާބު ހުރީ އެކި ކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ހިދުމަތް ދެވޭ ގޮތަށް ކަންކަން ބައްޓަންކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ބާލިން ފެއާގައި ބޭރުގެ ނޫސްވެރިންނަށް ރާއްޖެއިން ބޭއްވި "މޯލްޑިވްސް މީޑިއާ މީޓް"ގައި ވާހަކަދައްކަވަމުން ޑރ. މައުސޫމް އިއްޔެ ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އާ ކަންތައްތައް ތައާރަފުކުރުމުގެ ގޮތުން ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ގިނަ ހިދުމަތްތައް ބައްޓަން ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބޭ ގައުމަކަށް ރާއްޖެ ހެދުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން އެފަދަ މީހުންނަށް އެހީވުމަށް ހާއްސަ ދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ވެސް ކުރަމުން އެބަދޭ. ރާއްޖެއަކީ އެންމެނަށް ވެސް ފަސޭހައިން ހިދުމަތް ލިބޭ އަދި ކޮންމެ މީހަކަށް ވެސް އައިސް ބަލާލެވޭނެ ތަނަކަށް ވާން ޖެހޭ. އޭރުން ހަމަހަމަ ޚިދުމަތެއް ދެވޭނީ،" ޑރ. މައުސޫމް ވިދާޅުވި އެވެ. މިހާރު މަސައްކަތް ފަށާފައި ވަނީ އެކިކަހަލަ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ގާއިމުކުރުމުގެ ގޮތުން މިހާރު އެބަ ކުރިއަށްދޭ. އެފަދަ މީހުން ގޮވައިގެން ގޮސް ޑައިވިންގައި އުޅޭނެ މީހުން ތަމްރީންކުރުން ކުރިޔަށް އެބަދޭ."

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ހޯދާ ކާމީޔާބީގެ އެންމެ ބޮޑު އެއް ސަބަބަކީ ހިދުމަތްތައް ތަރައްގީކުރުމަށް ލިބޭ ޚިޔާލުތަކަށް އަމަލީ ސިފަ ގެނައުމުގައި ދެމިއޮތުން ކަމަށެވެ. އަދި މިވަގުތު ވެސް ދެ ކަމަކަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.