ބޮޑު އަގުގައި ނުވަތަ ބްލެކް މާކެޓްގައި ޑޮލަރު ގަންނަން ވިޔަފާރިތަކުން ކުރާ ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދެއްވުމަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބާރު ސުވާލު ކުރެއްވީ ޓެކްސް ސަބްމިޝަންގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ބަލާ މިންގަނޑަކީ ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓު ކަމަށްވެފައި ބްލެކް މާކެޓްގައި ޑޮލަރެއް ލިބެނީ 17 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑުކޮށް ކަމަށް ވާތީ އޭގެ ސަބަބުން ވިޔަފާރިތަކުން ޓެކްސް ސަބްމިޝަނަށް ހުށަހަޅަން ޖެހެނީ އަސްލު ހަރަދުތައް ހިނގާވަރަށްވުރެ މަދުން ކަމަށާއި ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކުން އަސްލު ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް ޕްރޮފިޓް ޓެކްސް ދައްކަންޖެހި ވިޔަފާރިވެރިންގެ އަތުން ގިނަ ފައިސާތަކެއް ގެއްލިގެންދާތީ އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރެއްވުމަށެވެ.

އަމީރު ވިދާޅުވެފައިވަނީ ޑޮލަރު ގަތުމުގެ ހަރަދުތައް ލިޔެކިޔުމުން ބަލަހައްޓާފައިވާނަމަ، އެ ހަރަދު ޓެކްސް ފައިލްކުރާއިރު ހިމެނުމަށް ހުރަހެއް ނެތް ކަމަށެވެ. އަދި ފޮރިން އެކްސްޗޭންޖް ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެމްއެމްއޭއާއިއެކު ޑީ ޑޮލަރައިޒޭޝަން ސްޓްރެޓަޖީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.