އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން އަދި އިންޖިނިއަރިން ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ 12 އަހަރާއި 14 އަހަރުގެ އުމުރުފުރާގެ އަންހެން ކުދިންނަށެވެ. އަދި މި ޕްރޮގްރާމުގައި ޖުމްލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ފޯލޫޕް ކޯޑިން އެކަޑަމީ އިން ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުމާއި ބްލޫޓޫތް ކޮންޓްރޯލް ރޮބޮޓް ހެދުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން އަންހެނުންގެ ދުވަހާ ގުޅުވައިގެން ކޯޑިން އާއި އިންޖިނިއަރިން ޕްރޮގްރާމެއް ފަށަން ވަނީ ނިންމާފައި. ފޮޓޯ: ބީއެމްއެލް

މި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ޑިޖިޓަލް މާހައުލުތަކުގައި އަންހެނުން ބާރުވެރިކުރުވާ ސްޓެމް ދާއިރާއިން ވަޒީފާގެ ފުރުސަތުތައް މަގުފަހި ކުރުމެވެ. މިކަން ހާސިލް ކުރުމަށްޓަކައި ކުޑަކުދިން އެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުމާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެން ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަަމަށް ބީއެމްއެލް އިން ބުނެ އެވެ.