ސައުދީ އަރަބިއާގެ ބަޖެޓު އެއާލައިން "ފްލައިނަސް"ގެ ދަތުރުތައް އަންނަ މެއި މަހު ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ސަޢުދީ އިން މިވަގުތު ރާއްޖެއަށް ދަތުރުކުރަނީ އެ ގައުމުގެ "ސައުދިއާ" އެކަންޏެވެ. އެ އެއާލައިން ކޮވިޑަށް މެދުކަނޑާލުމަށްފަހު ރާއްޖެއަށް ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ މެއި މަހު އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ފްލައިނާސް އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 1 އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ފަހުކޮޅާ ހަމައަށް ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އެ އެއާލައިނުން ހަފްތާއަކު ތިން ދުވަހު ދަތުރުތައް ކުރާނެ ކަމަށެވެ. އެ ދަތުރުތައް ކުރާނީ މާލެއިން ސައުދީ ވެރިރަށް ރިއާޒަށެވެ. ކޮންމެ ހަފްތާއެއްގެ އަންގާރަ އާއި ބުރާސްފައްޗާއި ހޮނިހިރު ދުވަހު ދަތުރުތައް ކުރަން ވަނީ ނިންމައިފަ އެވެ.

ރާއްޖެ އަށް މިހާރު ވެސް 30 އަށް ވުރެ އެއާލައިނުން ދަތުރުތައް ކުރެ އެވެ. މިހާރު ވެސް އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.