ސްޓެލްކޯ އިން ހައްޖާއި އުމްރާއަށް ހަތަރު މުވައްޒަފަކު ފޮނުވަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ 1444 ވަނަ އަހަރުގެ ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައި ވަނީ ރޭ ކުޑަގިރީގައި މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. އަދި ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ ފިރިހެން 96 މުވައްޒަފުނާއި އަންހެން 22 މުވައްޒަފުން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

މީގެ އިތުރުން ޢުމުރާގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ ފިރިހެން 262 މުވައްޒަފުނާއި އަންހެން 56 މުވައްޒަފުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯއިން މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އެ މުވައްޒަފުންގެ މެދުގައި ގުރުއަތުލައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ހޮވިފައި ވަނީ ޝަރީފް ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް، އަންހެން މުވައްޒަފަކަށް ހޮވިފައިވަނީ، ޙަދީޖާ ތައުފީގާ، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް ކަމަށެވެ.

ސްޓެލްކޯއިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތު ގުރުއަތުން ލިބުނު މުވައްޒަފުން. ފޮޓޯ: ސްޓެލްކޯ

ގުރުއަތުލައިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ހޮވިފައިވާ ފިރިހެން މުވައްޒަފަކީ، ޝާހުލް ހަމީދު، ސާވިސް ސެންޓަރު އާއި އަންހެން މުވައްޒަފަކަށް ހޮވިފައި ވަނީ، ފާތިމަތު ރިޒްނާ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް އެވެ.

ސްޓެލްކޯއިން މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމުގެ އިތުރުން، ކުންފުނިންދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 5 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ.