ޑިޖިޓަލް ޒަމާނެއްގައި އަންހެނުންގެ ދައުރު އަދި ބައިވެރިވުން އިތުރުކުރުމަށް ވެފައިވާ ވައުދު ދިރާގުން އިއްޔެ އާކޮށްފި އެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދިރާގުން އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތުގައި އެ ކުންފުނިން ވަނީ ޑިޖިޓަލް ޒަމާނެއްގައި ޖެންޑާ އިންކްލޫސިވިޓީ އިތުރުކުރުމާ ގުޅޭ ގޮތުން ދާއިރާތަކުގެ ލީޑަރުންނާ އެކު ޕެނަލް ޑިސްކަޝަނެއް ބާއްވައިފަ އެވެ.

އިއްޔެ ބޭއްވި އެ ހަރަކާތުގެ ކީނޯޓް ސްޕީޗު ދެއްވާފައިވަނީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ.

މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު، ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް، ދިރާގުގެ ޑިރެކްޓަ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތު ރަޝީދު ހުސައިން، ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ-ފައުންޑަރު އައިޝާ އަދްނާން އަދި އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދެވެ. މި ޕެނަލް މޮޑަރޭޓްކުރައްވާފައިވީ ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިން ރިލޭޝަންސް ޖައިޝާން ހަމީދެވެ.

ދިރާގުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ސީއީއޯ އިސްމާއިލް ވާހަކަދައްކަވަނީ. ފޮޓޯ: ދިރާގު

މި ޕެނަލްގައި ވަނީ ޑިޖިޓަލް ސްޕޭސްގައި އުފެދިފައިވާ މިންތީގެ ފަރަގާއި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން އިލްމީ، އިގްތިސާދީ، ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުގެ ނަޒަރުން ބަލާ މިކަން އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން ޓެކްނޮލޮޖީއަކީ މިހާރު ޓެކްނިކަލް ރޯލުތަކަށް އެކަނި އޮތް އެއްޗެއް ނޫންކަމާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ޓެކްނޮލޮޖީއަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައިވާ ގޮތާ ބެހޭ ގޮތުން ވެސް މި ޕެނަލް ޑިސްކަޝަންގައި ވަނީ އަލިއަޅުވާލާފަ އެވެ.

ސަރުކާރާއި ޕްރައިވެޓް ސެކްޓާގެ އިސް ފަރާތްތަކުގެ އިތުރުން މަތީ ސާނަވީ މުއައްސަސާތަކާއި ޔުނިވަރސިޓީތަކުގެ ޒުވާނުން ވެސް ވަނީ މި ޕެނަލް ދިސްކަޝަންގެ އޯޑިއަންސްގައި ގޮތުގައި ބައިވެރިވެފަ އެވެ. ޖެންޑަ އިންކްލޫސިވިޓީ ކަށަވަރުކުރުމަށާއި ހުރިހާ ފަރާތްތައް ވެސް ހަމަހަމަވާ ގޮތަށް ސިސްޓަމް ފަރުމާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ޕެނަލިސްޓުންވަ ނީ ދެއްވާފައެވެ.

މީގެ އިތުރުން ދިރާގު ހެޑް އޮފީހުގައި ވަނީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވާފަ އެވެ. މި އިވެންޓްގައި އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު އަދި ޑިރެކްޓަ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ވަނީ މުވައްޒަފުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވަނީ ދިރާގުގެ ޖެންޑަރ އެކްޝަން ޕްލޭންގެ އަޕްޑޭޓެއް ދީފަ އެވެ.

އެ ކުންފުނިން ވަނީ ދިރާގުގެ ހުރިހާ އަންހެން މުވައްޒަފުންނަށް އައު ޓެކްނިކަލް ތަމްރީނުތަކެއް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލައިފަ އެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ޓެކްނޮލޮޖިކަލް އަދި ޓެކްނިކަލް ޢިލްމްލިބިފައިވާ ހުނަރުވެރި ސްޓާފުން ތައްޔާރުކުރުން ކަމަށް ދިރާގުން ބުނެ އެވެ. މިގޮތުން ހާވަޑް، އައިބީއެމް އަދި ގޫގުލް އިން ލިބެން ހުރި މަގުބޫލު ކޯސްތައް މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށާއި ކޯސް ފުރިހަމަކުރުމުން ސެޓިފިކޭޝަން އަދި ލައިސެންސް ފީ ދިރާގުން ދައްކައިދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި އިވެންޓް ނިންމާލާފައި ވަނީ އަންހެނުން އިސްނަގައިގެން ހިންގާ، ހޯމް-ބޭސްޑް ވިޔަފާރިތަކުން ކޭޓާކޮށްފައިވާ ހެނދުނުގެ ނާސްތާއަކުންނެވެ. މިބައި ކުރިއަށް ގެންދިޔައީ ވިމެން އެންޓަޕްރެނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެންނެވެ.

"އަންހެނުން ބާރުވެރި ކުރުވުމާއި ހާއްސަކޮށް އަންހެނުން ހިއްސާވާ ހޯމް-ބޭސްޑް އަފި ކުދި ވިޔަފާރިތަކަށް އެއްބާރުލުންދިނުމަކީ ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު ފޯކަސް ދާއިރާއެއް. ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް އަދި ސަގާފަތެއް،" ދިރާގުން ބުނެ އެވެ.