ޖަރުމަނުގެ ބާލިންގައި އިއްޔެ ނިމުނު އައިޓިބީ ފެއާގައި އޭޝިއާގެ ވަރުގަދަ ގައުމުތަކާ ވާދަކޮށް އެންމެ ރަނގަޅު އެގްޒިބިޓަރުގެ އެވޯޑު ރާއްޖެއިން ހޯދައިފި އެވެ.

ރާއްޖެއަށް އެ އެވޯޑު ލިބުނީ އޭޝިއާ، އޮސްޓްރޭލިއާ އަދި އޯޝެނިއާގެ ގައުމުތަކުގެ ކެޓަގަރީންނެވެ. ރާއްޖެއަށް އެއްވަނަ ލިބުނުއިރު ދެވަނަ ލިބުނީ ތައިލެންޑަށެވެ. އަދި ތިންވަނަ ލިބުނީ ސައުތު ކޮރެއާ އަށެވެ. މީގެ އިތުރުން ރާއްޖެ ވަނީ އެންމެ ރަގަޅު 10 ގައުމުގެ ތެރޭގައި ވެސް ހިމެނިފަ އެވެ. މި ފެއާގައި ބެސްޓް އޮފް ދަ ބެސްޓް ކެންޑިޑޭޓް އެވޯޑު ލިބުނީ ސައުދީ އަރަބިއާ އަށެވެ.

އޭޝިއާ، އޮސްޓްރޭލިއާ އަދި އޯޝެނިއާ ކެޓަގަރީން ބެސްޓް އެގްޒިބިޓަރުގެ އެވޯޑް ރާއްޖެއިން ހޯދާފައި ވަނީ އެންމެ ރަނގަޅަށް ގައުމުގެ ވާހަކަތައް ކިޔައިދީ، ގައުމުގެ ސަގާފަތް ފެއާގައި ދައްކުވައިދީފައިވާ މިންވަރަށް ބެލުމަށްފަހު އެވެ. މީގެ އިތުރުން ކިއުއާރް ކޯޑް ފަދަ ޓެންކޮނޮޖީތައް ބޭނުންކޮށްގެން ރާއްޖޭގެ ރީތިކަން ދައްކާލުމާއި، ޕްލާސްޓިކާ ދެކޮޅަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތް ފާހަގަކޮށްފައިވެ އެވެ.

މިފަހަރުގެ ފެއާގައި 150 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެފައިވެ އެވެ.

އައިޓިބީ ފެއާގައި އެންމެ ވަރުގަދަ ދިހަ ގައުމު ތެރޭގައި ވެސް ރާއްޖެ ހިމެނުނު. ފޮޓޯ: ޖަމީލް | ހުރިހާ

މީގެ ކުރިން ވެސް ރާއްޖެއަށް މި ފެއާގެ އެންމެ ރަނގަޅު އެގްޒިބިޓަރުގެ މަގާމު ލިބިފައިވެ އެވެ.

މިފަހަރު ފެއާގައި ރާއްޖޭގެ 91 ކުންފުންޏަކުން 233 އެގްޒިބިޓަރުން ބައިވެރިވި އެވެ. އަދި މި ފެއާގައި ރާއްޖޭގެ ސަގާފީ ކެއުންތަކާއި ނެށުންތައް ފެއާގެ ތެރެއިން ދައްކާލި އެވެ.

މި ފަހަރުގެ ފެއާގައި ހެދި ރާއްޖޭގެ ސްޓޭންޑަކީ މިހާތަނަށް ހެދި އެންމެ ބޮޑު ސްޓޭންޑެވެ. ސްޓޭންޑުން ދައްކުވައިދިނީ ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށާއި ކަނޑުއަޑީގެ ރީތި މަންޒަރުތަކެވެ.