ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެޕަލްއިން ޑިޖިޓަލް އިވެންޓެއް ބާއްވާނެ ކަން އިއުލާނުކޮށްފި އެވެ.

މި އިވެންޓުގައި އެޕަލްގެ އާ އުފެއްދުންތައް ދައްކާލާނެ ކަމަށް ބެލެވެ އެވެ.

އެޕަލް އިން އާންމުކޮށް އާ އައިފޯނު ލޯންޗް ކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގައި އެ ކުންފުނީގެ ހެޑްކުއާޓާސްގައި ބާއްވާ ހާއްސަ ހަފްލާއެއްގަ އެވެ. އެހެން ނަމަވެސް މި އަހަރު އައިފޯނު ލޯންޗުކުރުން ލަސްކޮށްފާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ބެލެވޭ ގޮތުގައި އެޕަލްއިން އެ އައިވޮޗް ސީރީޒް 6 އާއި، އައިޕެޑް އެއާ އަށް އާ ރިފްރެޝްތަކާއި އެކު އެހެނިހެން ޕްރޮޑަކްޓްތައްވެސް ދައްކާލާނެ ކަމަށް ބެލެވެ އެވެ.

މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ 15 ސެެޕްޓެމްބަރުވާ އަންގާރަ ދުވަހުގެ ރޭ 10:30 ގައެވެ. އެޕަލްއިން އިތުރު މައުލޫމާތު ހާމަކޮށްފައި ނުވި ނަމަވެސް އެހެން އަހަރުތަކާއި އެއްގޮތަށް މި އަހަރުގެ އިވެންޓްވެސް ލައިވްސްޓްރީމް ކުރާނެ އެވެ.

އެޕަލްއިން މި އަހަރު ހަތަރު އައިފޯނު ނެރޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މުޅިން އާ ޑިޒައިންއަކާއި އެކީ އައިފޯން 12 ގެ ދެ މޮޑެލް އަކާއި އައިފޯން 12 ޕްރޯގެ ދެ މޮޑެލް އެެކެވެ. އެ ފޯނުތައް ނެރޭނީ މި އިވެންޓަށް ފަހުގައި ކަމަށްވެ އެވެ. އައި މި ފޯނު ބޮޑަށް ވައްތަރުވާނީ 2010 ވަނަ އަހަރު ނެރުނު އައިފޯން 4 އަކާއި ކަމަށް ރިޕޯޓުތައް ބުނެ އެވެ. -ސީއެންބީސީ