ހުޅުމާލޭގައި ހަދާ އާބަން ބޮލަވާޑްގައި ހިމެނޭ ކެފޭ، ރެސްޓޯރަންޓް ހެދުމަށް ހަ ފަރާތަކާ އެކު ސޮއިކޮށްފި އެވެ.

މި އާބަން ބޮލަވާޑްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ވިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލާ ސަރަހައްދުގައި ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރި އޭރިއާ އެވެ.

އެޗްޑީސީން ބުނީ ރާއްޖޭގެ އިގްތިސާދީ މަންފާއަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށްޓަކައި ހަ ފަރާތަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ތަޖުރިބާ ހޯދާފައިވާ ފަރާތްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެގޮތުން ބްރަދާސް ކޭޓަރިން އިން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ ރެސްޓޯރެންޓް އެއްބަސްވުމުގައި ބްރަދާސް ކޭޓަރިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު މުހައްމަދު ޝައިފް އެވެ. އަދި ރެފްކޫލްގެ ފަރާތުން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި ރެފްކޫލްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ނިހާދު އަދި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް އެވެ.

ރާއްޖޭގެ ނަން މަޝްހޫރު ފްރޭންޗައިޒް ކަމަށްވާ ޑައިނެމޯ ރެސްޓޯރެންޓް ވެސް މި ސަރަހައްދުގައި ގާއިމުކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ޑައިނެމޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ އަލީ އެވެ.

އަދި މީގެއިތުރުން، މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ވަނީ މި ސަރަހައްދުގައި ކެފޭ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަހުސަން ޒާހިރު އެވެ.

ޑްރީމްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އާބަން ބޮލެވާޑް ގާއިމުކުރާ އެންމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓް ކަމަށްވާ ކެނީ ރޮޖާސް ރޯސްޓާސްގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ހުސެއިން އެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމްއެވެ.

އެޗްޑީސީން ބުނީ ވެރި ރަށް މާލެ އާއި ބްރިޖަކުން ގުޅިފައިވާ ހުޅުމާލެ އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ތަހުޒީބް ރަށަކަށް ހެދުމަށް ރާއްޖޭގެ އެއްމެ ބޮޑު އާބަން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރަށުގެ ސާފުކަމާއި، އުމްރާނީ އަދި އަސާސީ ގޮތުން ބޭނުންވާނެ ހުރިހާ ފަންތިއެއްގެ ތަރައްގީގެ ޗާޓުތަކާއި ޕްލޭންތައް ހަގީގަތަކަށް ހެދުމަށް އެޗްޑީސީގެ ޓީމުން އާއްމުންގެ ހިޔާލާއި އެއްގޮތަކަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އާބަން ބޮލެވާޑް ނިމިގެން ދާއިރު، މި ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްގީ އާއި ބަދަހިވަންތަ މުޖުތަމައުއެއް ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށް. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ތަރައްގީކުރެވިފައި ހުންނަ ބޮލެވާޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާބަން ބޮލެވާޑް ވެސް ވެގެން ދާނީ، ގިނަ ޙިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށް. އަދި ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް އާއިލާ އާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަގުބޫލު ސަރަހައްދަކަށް ވެސް ވެގެންދާނެ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެ ކަމަށެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ގާއިމު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މިހާރު ހުޅުމާލެ ބީޗްގައި ހިންގޭ ކެފޭ ރެސްޓޯރަންޓުތައް ނެތުމަށް ވެސް ދާއިމީ ހައްލެއް މި ކަމުން ލިބިގެންދާނެކަން ޔަގީން. މި އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެ. އަދި މި ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާބަން ބޮލެވާޑްގެ ރީތި ކަމަށް ބަލައި އޭގެ އަސްލު ނުގެއްލޭ ގޮތަށް،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ހުޅުމާލޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަ ޖެހި، ދުނިޔޭގެ އެކި ގައުމުތަކުން ވެސް ލިބޭ ހިދުމަތްތަކާއި ވަސީލަތްތައް ދުވަހުން ދުވަހަކަށް އިތުރު ވަމުން އަންނަ ކަމަށެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންގެ ލާބައާއި ފަސޭހައަށް ކުރެވޭ ގިނަ މަސައްކަތްތައް ދެނެގަނެ، ރައްޔިތުންގެ ބައިވެރިވުމާއެކު ކުރުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"އާބަން ބޮލެވާޑް ވެގެން ދާނީ މުޅި ހުޅުމާލޭގެ މަލަމަތި މި އަސާސްތަކުގެ ދަށުން ބަދަލުކޮށްލަ ދޭނެ ފުރިހަމަ ރަމްޒަކަށްކަން ޔަގީން،" އެ ކުންފުނިން ބުންޏެވެ.