ބީއެމްއެލްގެ "ކޮމިއުނިޓީ ފަންޑުން" ހިންގި ތިން ޕްރޮޖެކްޓެއް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

"ކޮމިއުނިޓީ ފަންޑު"ގެ ދަށުން ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް ބީއެމްއެލްއިން ވަނީ އެހީތެރިވެފަ އެވެ.

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި މަސްކެނޑުމަށް ހާއްސަ ތަނެއް ހަދާފައިވާ ކަމަށެވެ.

"މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށް ވެސް މަސްކެނޑުމަށް ފަސޭހަވާނެ ހެން ތަރައްގީކުރެވިފައިވާ މަސް ކަނޑާ ތަނެއް. މިތަން ފަރުމާކޮށްފައި ވަނީ ދުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑު ވެސް މިތަން ބޭނުންކުރެވޭނެ ގޮތަށް. މި ޕްރޮޖެކްޓް ހިންގާފައިވަނީ ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯރޓްސް އެސޯސިއޭޝަން އިން،" އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ލ. މުންޑޫގެ ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް ހާއްސަ ތަނެއް ވެސް ހަދާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ދ. ހުޅުދެލީގައި މަސްވެރިންނާއި އާއްމުން މަސްކެނޑުުމަށް ތައްޔާރު ކުރި ތަން. ފޮޓޯ: ބީއެމްއެލް

"މި ތަނުގައި ވަނީ ހަޓެއް ހަދައި ލަކުޑި ބެންޗްތައް ބަހައްޓާފައި. މިއީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާވެވޭހެން ފަރުމާކޮށްފައިވާ ތަނެއް. މި ޕްރޮޖެކްޓް ހިންގާފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިން،" އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ 4 ކްލާސްރޫމެއް ޑިޖިޓަލައިޒްކުރުމުގެ ގޮތުން ޓީވީ ބަހައްޓާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ. މި ޕްރޮޖެކްޓް ހިންގާފައި ވަނީ ވިމެން އެންހޭންސްމަންޓުންނެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެއް ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.