މިދިޔަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 1.72 ބިލިއަން ރުފިޔާ ދައްކައިފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 18.6 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް، ފެބުރުއަރީ 2023 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 20.8 ޕަސެންޓް ދަށް އަދަދެއް ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބުންޏެވެ.

މީރާއިން ބުނިގޮތުގައި، ފެބުރުއަރީ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން- ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި ޖެނުއަރީ 2022 އާއި އަޅައިބަލާއިރު، ޖެނުއަރީ 2023 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 30.9 ޕަސެންޓް އިތުރުވުމާއި، 1 ޖަނަވަރީ 2023 އިން ފެށިގެން ޖީއެސްޓީ ރޭޓް ބޮޑުވުވުމަކީ ފެބްރުއަރީ މަހު ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ލިބުނު އާމްދަނީއާ އަޅާކިޔާއިރު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް ވެސް މީރާއިން ބުނެ އެވެ.

މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ ދަށްވުން ކަމުގައި މީރާއިން ބުނެ އެވެ.

މި ކަމުގެ މައިގަނޑު ސަބަބަކީ، 1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއެކު، ޖަނަވަރީ މަހު އައިސްފައިވާ ޓޫރިސްޓުންނާ ގުޅޭ ޖީއެސްޓީގެ ތެރެއިން ކޮންމެ ވެސް މިންވަރެއް، ޓައިމް އޮފް ސަޕްލައިގެ އުސޫލުގެ ތެރެއިން، ޖެނުއަރީ މަހު ލިބިފައި ވާތީ، ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ ލިބުނު ޖީއެސްޓީ މަދުވުން ކަމުގައި މީރާއިން ބުނެ އެވެ.

މީރާއިން ބުނިގޮތުގައި ޖީއެސްޓީގެ ގޮތުގައި ޖެނުއަރީ 2023 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ވަރަށް ވުރެ 73 ޕަސެންޓް އިތުރަށް ވަނީ ލިބިފަ އެވެ. މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށް ޖީއެސްޓީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ފެބުރުއަރީގެ ނިޔަލަށް ލިބިފައިވާ ޖީއެސްޓީގެ އަދަދު އިތުރު ކަމަށް ވެސް މީރާއިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ދެއްކި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. އެއީ 68.9 ޕަސެންޓް ނުވަތަ 1.18 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.6 ޕަސެންޓް ނުވަތަ 182.04 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.87 މިލިއަން ރުފިޔާ (5.4 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 81.87 މިލިއަން ރުފިޔާ (4.8 ޕަސެންޓް)، ޑިޕާޗާ ޓެކްސްގެ ގޮތުގައި 78.84 މިލިއަން ރުފިޔާ (4.6 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 98.55 މިލިއަން ރުފިޔާ (5.7 ޕަސެންޓް) ލިބިފައިވެ އެވެ.

މިދިޔަ މަހު ދެއްކި އާމްދަނީގެ ތެރޭގައި 73.60 މިލިއަން ޑޮލަރު ހިމެނެ އެވެ.