އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 16،469 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި 207.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، މަހަކު 5،000 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޖޮބް ސެންޓައަށެވެ. އެ ޖޮބް ސެންޓަރުގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ އާއްމުކުރަމުންނެވެ.

ވަޒީފާ ގެއްލިފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި ރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެ އެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާން ވެސް ޖެހެ އެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5،000 ރުފިޔާ އިން ދަށުން އާމްދަނީއެއް ލިބޭނަމަ އެ މީހަކަށް އިނާޔަތުގެ ގޮތުގައި 5،000 ރުފިޔާއިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ.