ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަށް ޖެއްސި ފުރަތަމަ ޓެސްޓް ފްލައިޓަކީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

ޓެސްޓް ފްލައިޓްގައި މާތޮޑާއަށް ނިސްބަތްވާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަޑައިގެންނެވި އެވެ. މިނިސްޓަރުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވެސް އެ ބޯޓުގައި ވަޑައިގެންނެވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. މި އެއާޕޯޓް ހުޅުއްވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި އެންމެ ތަފާތު ތަނަކީ އެތަނުގެ ޓާމިނަލް އެވެ. ޓާމިނަލްގެ އެތެރެއާއި ބޭރުވެސް ހަދާފައިވަނީ މުޅިން ތަފާތު ވަރަށް ހިތްގައިމު ޑިޒައިނަކަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހަދާފައިވަނީ އެރަށު ފަޅުތެރޭގައި އެރަށާ ވަކިން އޮތް ރަށްތަކެއް ހިއްކައިގެންނެވެ. ފަރެސްމާތޮޑާއާއި އެރަށްތައް ގުޅުވާލުމަށް ހަމަޖެހިފައިވަނީ ކޯޒްވޭ އަކުންނެވެ. ކޯޒްވޭގެ މަސައްކަތް އަދި ނުނިމޭތީވެ ވަގުތީގޮތުން ބޭނުންކުރާނެ މަގެއް ހެދުމުގެ އެމްޓީސީސީ އިން ދަނީ ކުރަމުންނެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ މިސަރުކާރުން ތަރައްގީކޮށް ހުޅުވާ ދެވަނަ އެއާޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ. މި އެއާޕޯޓަކީ ރޭގަނޑު ވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްގީކުރި އެއާޕޯޓެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ކުރިން ބޭއްވި ފުރަތަމަ ޓެސްޓް ފްލައިޓް މިއަދު ހަވީރު ޖައްސަނީ. ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، އޭޕްރަންއާއި، ޓެކްސީވޭއާއި، ތަފާތު ޒިނައެއްގެ ހިތްގައިމު ޓާމިނަލަކާއި، ފަޔާ ބިލްޑިން އިމާރާތަކާއި، ސާވިސް ރޯޑުތައް ހެދުމުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން އެއާޕޯޓް ސަރަހައްދުގެ ވަށައިގެން ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ގދ. އަތޮޅުގައި ހަދާފައިވާ ތިންވަނަ އެއާޕޯޓެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.