ފެނަކަ ކޯޕަރޭޝަނުން ގދ. ފަރެސް މާތޮޑާގައި ހެދި ޒަމާނީ އާ އިންޖީނުގެ އިއްޔެ ހުޅުވައިދެއްވައިފި އެވެ.

އެ ކުންފުނިން ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 70 އަށްވުރެ ގިނަ ރަށުގެ އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކޮށްފަ އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެ މަޝްރޫއު ވެގެން ދިޔައީ ފަރެސްމާތޮޑާގެ ރައްޔިތުންގެ އެތައް ޝަކުވާއަކަށް ނިމުން ގެނައި މަޝްރޫއެއް ކަމަށެވެ. ފަރެސްމާތޮޑާ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. އަދި ކުރީގެ ބާ އިންޖީނުގެ މުޅިން ނިއްވާލައި، ޒަމާނީ އާ އިންޖީނުގެއިން ޚިދުމަތް ދޭން އިއްޔެ ވަނީ ފަށައިފަ އެވެ.

ފަރެސްމާތޮޑާ އާ އިންޖީނުގޭގެ ޚިދުމަތް ފައްޓަވައި ދެއްވީ އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މުޅިން އަލަށް ޚިދުމަތް ފެށި ފަރެސްމާތޮޑާ އެއާޕޯޓަށް ވެސް ޚިދުމަތް ދެނީ ފަރެސްމާތޮޑާ އާ އިންޖީނުގެއިންނެވެ.

އިންޖީނުގެ ހުޅުވާފައިވަނީ ކަރަންޓު ކެޕޭސިޓީ ވެސް ބޮޑުތަނުން އިތުރުކުރުމަށްފަހު އެވެ. ކުރިން އެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 3 ޖަނެރޭޓަރު ސެޓާއެކު 1،250 ކިލޯވޮޓް އެވެ. ނަމަވެސް އާ އިންޖީނު ބަހައްޓާ ކެޕޭސިޓީ މިހާރު ވަނީ 1،800 އަށް އިތުރުކޮށްފަ އެވެ.

އާ އިންޖީނުގޭގައި، އިންޖީނު ބެހެއްޓުމަށް ޚާއްސަ އިމާރާތާއި، ކޮންޓްރޯލް ރޫމާއި އަދި އޮފީސް އިމާރާތް ވެސް ހިމެނެ އެވެ.

މިގޮތަށް ރަށްރަށުގައި ހުރި ގިނަ އިންޖީނުގެތަކެއް ބަދަލުކުރުމުގެ މަސައްކަތް ފެނަކަ އިން މިހާރު ވެސް ދަނީ ކުރަމުންނެވެ.