ރ. އިނގުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ، ބީއެމްއެލް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިނގުރައިދޫގައި ބެހެއްޓި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއަދު ފެށި ހިދުމަތާއެކު، މިވަގުތު ރ. އަތޮޅު އުނގޫފާރާއި މީދޫގައި ގާއިމްކޮށްފައިވާ ދެ ބްރާންޗާއި އަލިފުށި، ދުވާފަރު އަދި އިނގުރައިދޫގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ރ. އަތޮޅުގައި ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ނެތް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޖެންޓް ބޭންކިން ހިދުމަތްދެމުން ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 85 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް އަންނަނީ ދެމުންނެވެ. އަދި އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.