ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި މި ޕާޓްނަޝިޕްމެދުވެރިކޮށް ދިރާގުން ސޮކާ ވެޓަރަންސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭނީ އެކި ކީ ސްޓޭޖްތަކަށް ހާއްސަކޮށްގެން ބާއްވާ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް، "ކިޑްސް ފުޓްބޯލް ފިއެސްޓާ" ބާއްވައި ފުޓުބޯޅަ ކުޅުންތެރިންގެ އައު ޖީލެއް އުފެއްދުމަށެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަންނަނީ ޒުވާނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ޒުވާނުންނަށް އެ ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގެ މަގު ފަހިކޮށްދެމުންނެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ ސޮކާ ވެޓެރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ކުޑަކުދިންނަށް ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފުޓުބޯޅައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރެއް. އެހެންކަމުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެވޭނެކަމަށް އުންމީދު ކުރަން،" ނާޔާ ޝަރީފް އެވެ.

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ރައީސް، އަލީ ޝަމީމް ވިދާޅުވީ ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމަށް ދިރާގުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

"ފާއިތުވި އަހަރުތަކުގައި ދިރާގުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއެކު ގިނަ އައު ފުޓުބޯޅަ ކުޅުންތެރިންތަކަކަށް އިތުރު ފުރުސަތުތަކެއް ހޯދާދިނުން،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަންނަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.