ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދު ވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮގްރާމްގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ. އަދި މާލޭގެ 12 ސަރަހައްދެއް ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއީ ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. މީގެ އިތުރުން ސާފުކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫގެ އތުރުން ގދ. ތިނަދޫގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެ ދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.