ފަތުރުވެރިން ގޮވައިގެން މޫދަށް އެރި އުޅުމުގައި އިތުރަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ

ފަތުރުވެރިން ގޮވައިގެން މޫދަށް އެރި އުޅޭއިރު ސަމާލުވުމަށް ޓުއަރިޒަމް މިނިސްޓްރީން އެންގީ ގެންބިގެންނާއި މޫދަށް އެރި އުޅުމުގައި ފަތުރުވެރިން މަރުވާ މައްސަލަތައް އިތުރުވެފައި ވާތީ އެވެ.

މިނިސްޓްރީ އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ފީނުމާއި ސްނޯކްލިންއަށް ދިއުމާއި ޑައިވިންކުރުމާއި މޫދުގެ ހަރަކާތްތަކުގައި، އެކަމަށް އަޅަންޖެހޭ ރައްކާތެރި ފިޔަވަޅު އަޅާ އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން މޫދު ހަރަކާތްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދޭ މުވައްޒަފުން ތަމްރީނުކުރުމާއި، ހޭލުންތެރިކުރުމަށް ގަވައިދުން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ވެސް އެދިފައިވެ އެވެ.

މިއަދު ވެސް ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި އެވެ. އެއީ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ބުނެފައިވެ އެވެ.

މީގެ އިތުރުން މިދިޔަ ހަފުތާ ވެސް ވަނީ އއ. ކުރަމަތިން މޫދަށް އެރިއުޅުނު ފަތުރުވެރިޔަކު، މަރުވެގެން އެ ރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިފައިވެ އެވެ. އެއީ ޖަރުމަނުގެ 65 އަހަރުގެ ފިރިހެނެކެވެ.