ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭނެ ކޮންޓެއިނާ ސެންޓަރެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ހަދައިފި އެވެ.

މިއީ ރާއްޖޭގައި ހެދި މިފަދަ ފުރަތަމަ ޑޭޓާ ސެންޓަރެވެ.

އެޗްޑީސީން ބުނީ މިއީ އެ ކުންފުނީގެ "ސްމާޓްކޮމް" ބްރޭންޑްގެ ދަށުން ހުޅުމާލޭ ސްމާޓް ސިޓީއަކަށް ހެދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހުޅުވި ކޮންޓެއިނަރެއް ސެންޓަރެއް ކަމަށެވެ.

މި ޑޭޓާ ކޮންޓެއިނާ ސެންޓަރު ހުޅުވާފައި ވަނީ ހުޅުމާލޭ ދެވެނަ ފިޔަވަހީގަ އެވެ. އަދި މި ސެންޓަރުން އަހަރެއްގެ މައްޗަށް 99.9 ޕަސެންޓް އަޕް ޓައިމް ނުވަތަ ހިދުމަތް މެދުނުކެނޑި ލިބެން ހުންނަ ވަގުތުގެ ގެރެންޓީ ދޭ ކަމަށް އެޗްޑީސީން ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ޑޭޓާ ސެންޓަރުގެ ސަބަބުން މީގެ ކުރިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޖީކޮމް ޖީޕޮން އެކްސެސް ނެޓްވޯކްގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީން ހުޅުމާލޭގައި ހެދި ޑޭޓާ ރައްކާކުރެވޭނެ ކޮންޓެއިނާ ސެންޓަރާ ބެހޭ ގޮތުން އެމްޑީ އާތިފު ވާހަކަދައްކަވަނީ. މިއީ ރާއްޖޭގައި ހެދި މިފަދަ ޑޭޓާ ފުރަތަމަ ސެންޓަރު. ފޮޓޯ: އެޗްޑީސީ

"ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މިސާވިސް ސްކޭލް އަޕް ކުރަމުން ގެންދާނަން،" އާތިފް ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ މި ޑޭޓާ ސެންޓަރުގެ ސަބަބުން އަހަރެއްގެ މައްޗަށް ޚިދުމަތް މެދުކެނޑޭ ވަގުތު 1.6 ގަޑިއިރަށް ވުރެ ކުޑަވާނެ ކަމަށެވެ. އަދި ކަރަންޓް ކެނޑޭ ވަގުތަށް ބޭނުންކުރެވޭ 80 ކިލޯވޮޓުގެ ބެކަޕް ޖެނެރޭޓަރެއް ހުންނާނެކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، މިޑޭޓާ ސެންޓަރުގައި ރިޑަންޑަންޓް ކޫލިން ސިސްޓަމަކާއި މަދުވެގެން 24 ގަޑިއިރު ހިފަހައްޓާ ރިޑަންޑަންޓް ބެޓެރީ ބެކަޕް ސިސްޓަމެއްގެ އިތުރުން، އަމިއްލައަށް މަަސައްކަތްކުރާ މޮނީޓަރިން ސިސްޓަމެއް އެލާޓް މެކޭނިޒަމްއާއެކު ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ

އެޗްޑީސީން ބުނީ މި ސެންޓަރަކީ ތިމާވެއްޓާއި ރައްޓެހި އަދި އަލިފާން ނިޒާމެއް ވެސް ގާއިމްކޮށްފައި ހުރި ޑޭޓާ ސިސްޓަމެއް ކަމަށެވެ.