އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕާ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަކުރަން ފަށައިފި އެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައް ގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭ ގޮތަށް ފުރުސަތު ދީގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މާޗް 15، 2022 ގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ، އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމާއެކު އެސްޓީއޯއިން މިހާރު ގެންދަނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާ ވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށް މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ކަމަށެވެ. މީގެ އިތުރުން ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔަށް ދޫކުރުމަށް ތައްޔާރުކުރެވި، އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ދަނީ ވެވެމުން. އުންމީދަކީ ދިވެހި އަމިއްލަ އުފެއްދުތެރިކަމަށް ވެސް ކާމިޔާބު ފުރުސަތުތަކެއް ތަނަވަސް ކޮއްދިނުން،" އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕަމާކެޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

ޕީޕަލްސް ޗޮއިސްގެ އަހަރީ ދުވަހާ ގުޅިގެން އޮތީ ކޮން ކަމެއް؟

އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހައިޕާ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މިއަދު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ ހަތަރު މީހަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރެއް ދޭން ނިންމާފައިވެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕަމާކެޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

މީގެ އިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރަމް އަދި ފޭސްބުކްގައި ޝެއާ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މިއަދު ކުރިޔަށް ގެންދާނެ އެވެ. އަދި މިހާރު ކުރިޔަށްދާ ރަމަޒާން ބާޒާރުގެ އިތުރަށް މާޗު 16 ން 22 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހައިޕަމާކެޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނީ މިއަދުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ކުރިޔަށްގެންދެވޭނެ ކަމަށެވެ. އަދި މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް، ސަޕްރައިސްއެއްގެ ގޮތުގައި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ދޭން ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.