ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ، މުދާ ނެގޭނެ ގޮތް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ މިހާރު ނެގޭނެ ކަމަށެވެ. އަދި މި ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީ ވެސް ހިމެނޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

އޭގެ އިތުރުން ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައި ވާނަމަ ވެސް ފެސިލިޓީއަށް އެދި ހުށައެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން ބުނީ މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށް، މުދާ ގަތުމަށް، ޚިދުމަތެއް ފައިނޭންސް ކުރުމަށް އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނިގޮތުގައި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ، އިސްލާމިކް ބޭންކިންގގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުންނެވެ.

"މިއީ ގަނެފައިވާ މުދަލެއް (ކޮމޯޑިޓީ)، ގަތް އަގަށް ފައިދާއެއް ލުމަށްފަހުގައި ފަހުން ފައިސާ ދައްކާގޮތަށް ވިއްކުމުގެ މައްޗައް ބިނާވާ އިސްލާމިކް ފައިނޭންސިންގެ އުސޫލެއް. މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުޞޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ލިބުމުގެ ފުރުސަތު އޮންނާނެ،" އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުން ފައިނޭންސިންގ ފެސިލިޓީ ޕްރޮސެސްކުރުމަށް 5 ދުވަސް ނަގާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔާމަންޓް ޕެންޝަން (ރިޓަޔާމަންޓް ޕެންޝަން ތެރޭގައި އިސްރަށް ވެހިންނަށް ދޫކުރާ ޕެންޝަން ނުހިމެނޭނެ) އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއް ވެސް ބަލައިގަނެވޭނެ ކަމަށެވެ.

ބޭންކުން ދޫކުރާ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރެވޭނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށް އެ ބޭންކުން ބުނެ އެވެ.

އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ހުޅުވުމަށްފަހު: މޯ> އެޕްލިކޭޝަންސް> އިސްލާމިކް ފައިނޭންސިން ނެގުމަށްފަހު ފޯމުގައިވާ ބައިތައް ފުރުމަށްފަހު ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.