ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޕާކޮށް މިއަދު ރެކޯޑް ހަދައިފި އެވެ.

ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "ހުރިހާ"އަށް ވިދާޅުވީ މިއަދަކީ ގަން އެއާޕޯޓުގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޕާކުކުރި ދުވަސް ކަމަށެވެ. މީގެ ކުރިން އެންމެ ގިނައިން ޖެޓް ޕާކުކުރީ 2015 ވަނަ އަހަރު 26 ޖެޓް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ މިހާތަނަށް މިތަނުގައި އެބައޮތް 39 ޖެޓް ޕާކުކޮށްފައި. މިމަހު އެކަނި 85 ޖެޓް ޕާކުރި. މިއީ ގަން އެއާޕޯޓުގެ ތާރީހުގައި ވެސް ރެކޯޑެއް،" ގައިސް ވިދާޅުވި އެވެ.

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޕާކުކޮށްފައިވާ ޕްރައިވެޓް ޖެޓްތަކެއް. ފޮޓޯ: އިއުޖާޒް އަލީ

އޭނާ ވިދާޅުވީ، އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ މުއްސަނދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، މާދަމާގެ ނިޔަލަށް އެއާޕޯޓުގައި 40 އަށްވުރެ ގިނަ ޕްރައިވެޓް ޕާކުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ލަފާކުރަނީ މި މަސް ނިމޭއިރު ޖުމްލަ 100 ޖެޓް އަންނާނެ ކަމަށް. މިތަނުގައި އެއް ފަހަރާ 45 ޖެޓް ޕާކުކުރެވޭނެ،" ގައިސް ވިދާޅުވި އެވެ.

އޭއައިއޭ އިން ބުނީ ގަމަށް އަންނަ ޖެޓްތަކުގެ ތެރޭގައި ފަސިންޖަރުން ގޮވައިގެން އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ މީހުން ބާލައި ޕާކްކުރަން އަންނަ ޖެޓްތައް ވެސް ހިިމެނޭ ކަމަށެވެ.

އައްޑޫގައި އޮތް އެންމެ ބޮޑު ދެ ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނެރީފް (ހެތެރަތަ) ކޮވިޑް-19 އާ ހެދި ބަންދުކޮށްފައި ނެތް ނަމަ މި އަހަރަކީ މިހާރު އަންދާޒާކޮށްފައި އޮތް ވަރަށް ވުރެ މާ ގިނައިން ޖެޓްތައް އަންނާނެ އަހަރެއް ކަމަށް ވެސް އެ ކުންފުނިން ދެކެ އެވެ.

އައްޑު އަށް އަންނަ ޖެޓްތަކުގެ ތެރޭގައި ކުދި ޖެޓްތަކާއި އޭ 320 މަރުކާގެ ބޮޑެތި ޖެޓްތައް ވެސް ހިމެނެ އެވެ. އާ އަހަރާ ދިމާކޮށް އާންމުކޮށް އައްޑު އަށް އަންނަ ޖެޓްތަކުގެ އިތުރުވެ އެވެ. ޑިސެމްބަރު މަހަކީ އެންމެ ބާރު ބޮޑުވާ މަހެވެ. އަދި އެ ޖެޓްތައް ގަން އެއާޕޯޓްގައި ހަތަރު ދުވަހާއި ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް މަޑުކުރެ އެވެ.

"އެކި ސައިޒުގެ ބޯޓުތައް މިތަނަށް މިއަންނަނީ. ޖުމްލަ 45 ބޯޓު މިތަނުގައި ޕާކުކޮށްފައި ބޭއްވޭނެ،" ގައިސް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ހިންގާ މި އެއާޕޯޓުން ޕްރައިވެޓް ޖެޓްތަކަށް ތެޔޮ އެޅުން ފަދަ ހިދުމަތްތައް ލިބެން ހުރެ އެވެ.

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޕާކުކޮށްފައިވާ ޕްރައިވެޓް ޖެޓްތަކެއް. ފޮޓޯ: އިއުޖާޒް އަލީ

އޭނާ ވިދާޅުވީ ޕްރައިވެޓް ޖެޓްތައް ޕާކުކުރަން މިހާރު ވެސް ބުކިން ލިބެމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 90،620 ގެސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ބޯޑަރު އަލުން ހުޅުވި ފަހުން 166،761 ޓޫރިސްޓުން އައިއިރު، މުޅިން ޖުމްލަ 549،608 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.