ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ މުބާރާތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މިމަހުގެ 31 ގައި ފަށާއިރު، މި މުބާރާތުގެ ހުރިހާ މެޗެއް މިފަހަރު މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އައިސް އެކްސްޓްރާ ޗެނަލުން ވަގުތުން ބެލޭނެ ކަމަށް ބުނެފި އެވެ.

އައިޕީއެލް ފާހަގަކުރެވެނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާ މުބާރާތެއްގެ ގޮތުގަ އެވެ.

އިންޑިއާގެ ސްޓޭޓްތަކަށް ނިސްބަތްވާ ފްރެންޗައިޒް 10 ޓީމެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެވެ. 20 އޯވަރު އުސޫލުން ޖުމްލަ 74 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިންޑިއާއަށް އުފަން އަދި އެހެން ގައުމުތަކުގެ ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ވެސް ވަނީ ފުރުސަތުދީފަ އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މުބާރާތުގައި އަލަށް ބައިވެރިވި ގުޖުރާތު ޓައިޓަންސްގެ ޓީމެވެ. މު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ މުމްބާއީ އިންޑިއަންސްގެ ޓީމެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ކަމުގައިވާ އިންޑިއާގެ ވިރާޓް ކޯލީ، އޮސްޓްރޭލިއާގެ ޑޭވިޑް ވާރނާ، ސައުތު އެފްރިކާގެ ކުއިންޓަން ޑި ކޮކް، އިނގިރޭސިވިލާތުގެ ސޭމް ކުރަން އަދި ވެސްޓް އިންޑީޒްގެ އަންޑްރޭ ރަސެލް މިއަހަރުގެ މުބާރާތުގައިވެސް ކުޅޭކަން ފާހަގަކޮށްލެވެއެވެ.

މީޑިއާނެޓުން ބުނީ އެ ކުންފުނިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

"މިއީ ދުނިޔޭގެ ކްރިކެޓް މުބާރާތެއް މީޑިއާނެޓުގެ އައިސް ނެޓްވޯރކް މެދުވެރިކޮށް ގެނެސްދޭ ފުރަތަމަ ފަހަރު. އެގޮތުން މިވަގުތު ވެސް ވިމެންސް އައި ޕީ އެލްގެ މެޗުތައް، މީޑިއާނެޓު ކަސްޓަމަރުންނަށް އައިސްގެ ޗެނަލްތައް މެދުވެރިކޮށް އަންނަނީ ގެނެސްދެމުން،" މީޑިއާނެޓުން ބުންޏެވެ.