ރޯދައާ ދިމާކޮށް އެސްޓީއޯއިން ހޯލްސޭލްކޮށް ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ވިއްކާ މި ބާވަތުގެ އަގުތައް އިއްޔެއިން ފެށިގެން ވަނީ ހެޔޮކޮށްފަ އެވެ.

އެސްޓީއޯއިން ބުނީ ފިޔާ، ބިސް، އަލުވީގެ ހޯލްސޭލް އަގަށް ގެނައި ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް ލިބޭނީ 160 ރުފިޔާއަށެވެ. ކުރިން ފިޔާ ބަސްތާއެއް ހުރީ 170 ރުފިޔާގަ އެވެ.

އަލުވި ބަސްތާއެއް ކުރިން ހޯލްސޭލްކޮށް ލިބެންހުރީ 250 ރުފިޔާ އަށެވެ. ނަމަވެސް އަގު ހެޔޮކުރުމާއެކު މިހާރު އަލުވި ބަސްތާއެއްގެ އަގު ވަނީ 240 ރުފިޔާއަށް ހެޔޮކޮށްފަ އެވެ. އަދި ބިސް ކޭހެއް ކުރިން 290 ރުފިޔާއަށް ވިއްކިއިރު، މިހާރު ވިއްކަނީ 280 ރުފިޔާއަށެވެ.

އެސްޓީއޯއިން ކޮންމެ އަހަރެއްގެ ރޯދައާއި ދިމާކޮށް ވެސް ފިޔާ ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް ދުރާލާ އެތެރެކުރެ އެވެ. އަދި މިއަހަރުގެ ރޯދައަށް ވެސް މިތަކެތި ހުސްނުވެ އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ކުންފުނިން ވަނީ ގެނެސްފަ އެވެ.

އެސްޓީއޯއިން ރީޓެއިލްކޮށް މިތަކެތި ވިއްކަ އެވެ. މިގޮތުން އަލުވި ކިލޯއެއް 11 ރުފިޔާއަށް، ފިޔާ ކިލޯއެއް ނުވަ ރުފިޔާއަށް އަދި ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ.

އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް މުދާލިބުން ފަސޭހަކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި އައު ހޯލްސޭލް ސެންޓަރެއް ވެސް ހުޅުވާފަ އެވެ.