އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އާ ސްޓިކާއެއް ތައާރަފުކޮށް، ޖެނުއަރީ 1 ން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކާ ލިބޭނެ ގޮތް މީރާއިން ހަމަޖައްސައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނިގޮތުގައި ޖެނުއަރީން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކާ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށެވެ. މީގެ އިތުރުން، މީރާއިން އެއްގަމު އުޅަނދުގެ އަހަރީ ފީ އެ އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށް ވެސް ޖެނުއަރީ 1 ން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް ހެދި ސްޓިކާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ނަމަވެސް، ޑިސެންބަރު 31ގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރާނެ ކަމަށް މީރާއިން ބުންޏެވެ.

"އަހަރީ ފީ ސްޓިކާއަށް މި ގެނައި ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރަށް، ސްޓިކާގައިވާ QR ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެ،" އެ އޮތޯރިޓީން ބުންޏެވެ.

މީރާއިން ބުނީ އަބަދުވެސް މީރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ޚިދުމަތްތައް ފޯރުކޮށްދެވޭނެ މަގުތައް ހޯދައި، އަދި މިހާތަނަށް ގިނަ އާ ޚިދުމަތްތަކެއް ތައާރަފުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. މި ގޮތުން، މީރާއިން ފޯރުކޮށްދޭ މައިގަނޑު ހުރިހާ ޚިދުމަތެއް މިހާރު އެތަނަށް ނުގޮސް އޮންލައިންކޮށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.