ދިރާގުން އަޅާ ސަބްމެރިން ކޭބަލްއަށް މާލީ އެހީ ދިނުމުގެ ދެވަނަ ލޯން ފެސިލިޓީގެ ދަށުން 30 މިލިއަން ޑޮލަރު ދިނުމުގެ އެގްރީމެންޓްގައި އައިއެފްސީއާއެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދިރާގާއި ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިންނެވެ. 30 މިލިއަން ޑޮލަރުގެ މި ދެވަނަ ފެސިލިޓީގެ ސަބަބުން ދިރާގުގެ ސީމީވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ގްލޯބަލް އިންޓަނެޓް ސުޕަހައިވޭ އާއި ދިވެހިރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. މީގެ އިތުރުން އިންޓަނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮއަގެއްގައި ދިރާގު އިންޓަނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހެވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދެވަނަ ފެސިލިޓީ ސޮއިކުރުމާއެކު އައިއެފްސީ އަދި އޭޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި މި ފައިނޭންސިންއާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު މި ފައިނޭންސިންގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފަ އެވެ. އަދި 25 މިލިއަން ޑޮލަރުގެ މި ފެސިލިޓީއިން އަންނަނީ އެ ކުންފުނީގެ ވޯކިން ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ޚަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދޭނެ ކަމަށް ދިރާގުން ބުނެ އެވެ. މިގޮތުން ދިރާގުގެ 5 ޖީ ޚިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، މިއީ ރާއްޖޭ ސީމީވީ 6 ސަބްމެރީން ކޭބަލް ސިސްޓަމްއާ ގުޅުވާދޭނެ މުހިންމު އިންވެސްޓްމެންޓެއް ކަމަށެވެ. އަދި ސިމީވީ 6 ކޮންސޯޓިއަމްގެ މެމްބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާ ދެމެދުވާ ގިނަ އިންޓަނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން ބައިނަލްއަޤްވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަގުފަހިވާނެ. މީގެ އިތުރުން މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވަނަންސް (އީ.އެސް.ޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމުގައި ވެސް އެޅޭ ވަރަށް މިހިންމު ބިންގަލެއް،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ ފުޅާކޮށް ޑިޖިޓަލް އިގްތިސާދުގައި ޖަޒީރާ މުޖުތަމައުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް އެ ކުންފުނިން ބުނެ އެވެ.