ރާއްޖޭގައި އަލަށް ހަދާ އެންމެ މަތީ ފަންތީގެ ރިސޯޓު، މެންޑަރިން އޮރިއެންޓަލްގެ މަސައްކަތް 148 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

މާލެ އަތޮޅުގެ ހުޅަނގު ދެކުނުގައި އޮންނަ 34 ހެކްޓަރުގެ މި ރަށް ތަރައްގީ ކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންގެ ތެރޭގައި ހިމެނޭ ދުބާއީގެ ދަމަކް ގްރޫޕުގެ ބައެއް ކަމަށްވާ ދަމަކް ޕްރޮޕަޓީސްއިންނެވެ. އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

34 ހެކްޓަރުގެ ކ. ބޮލިދުއްފަރު ފަޅު ހިއްކައިގެން ތިން ރަށް ހިމެނޭ ގޮތަށް ހަދާ ރިސޯޓުގައި 120 ކޮޓަރި ހުރެ އެވެ. އެ ރިސޯޓު ހުޅުވަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރު އެވެ.

ހޮންކޮންގް ބޮޑު ހޮޓެލް ޗެއިނުން ހިންގާ އެ ރިސޯޓުގައި 56 އޯވާ ވޯޓާ ވިލާ އާއި 64 ބީޗް ފްރޮންޓް ވިލާ ހިމެނޭއިރު އޭގެ ތެރޭގައި މެންޑަރިން އޮރިއެންޓަލް ބްރޭންޑްގެ 10 ރެސިޑެންސް ވެސް ހިމެނެ އެވެ. 200 އާއި 1000 އަކަމީޓަރާއި ދެމެދުގެ ބޮޑު މިނުގައި ހުންނަ މި ވިލާތައް ވެގެންދާނީ މާކެޓުގައި ހުރި އެންމެ ބޮޑު ވިލާތަކުގެ ތެރޭގައި ހިމެނޭ ވިލާއަކަށެވެ.

މިކަމާ ބެހޭ ގޮތުން ޑާމަކް ޕްރޮޕަޓީސްގެ ޕްރޮޖެކްޓްތަކުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ތަހައިނޭހް ވިދާޅުވީ އައިމާ ކޮންސްޓްރަކްޝަންގެ ގާބިލުކަމާ މެދު ފުރިހަމަ އަށް ޔަގީންކަން އެބައޮތް ކަމަށެވެ.

"އައިމާ ކޮންސްޓްރަކްޝަންގެ ގާބިލުކަމާ މެދު އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް. ވަރަށް ފުޅާ ދާއިރާއެއްގައި އަދި ވަރަށް ވާދަވެރި ޕްރޮސެސްއެއްގެ ތެރެއިން އެ ކުންފުނި ހޮވީ އަޅުގަނޑުމެން އުންމީދުކުރި ވަރުގެ ގާބިލްކަން ހުރުމުން،" އޭނާ ވިދާޅުވި އެވެ.

ދާމަކް ޕްރޮޕަޓީސް އިން ބުނީ މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮޖެކްޓަށް ވުމުން، އެ ކުންފުނިން އުންމީދަކީ މި ބިޔަ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުން ކަމަށެވެ.

އެ ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަގްޒަރީ ޔޮޓަކުން 30 މިނެޓުން ދެވޭނެ އެވެ.

ހުދުވެލީގެ ގޮނޑުދޮށްތަކާއި މުރަކަ ފަރުތައް ހިމެނޭ މި ރިސޯޓުގައި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާއި ވޯޓާ ސްޕޯޓްސް އާއި ކަލިނަރީ އެކްސްޕީރިއެންސް އާއި ވެލްނެސް ރިޓްރީޓްސް ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ތިން ސްޕެޝަލިޓީ ރެސްޓޯރެންޓާއި ޕޫލް ބާ ހިމެނޭ ހާއްސަ ތަނެއް ހިމެނޭ ގޮތަށް ޑައިނިން 8 އައުޓްލެޓަކުން ވެސް ރިސޯޓަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހިދުމަތް ދޭނެ އެވެ. މީގެ އިތުރުން އިންޑޯ އަދި އައުޓްޑޯ އިވެންޓްތައް ވެސް ގިނަ ބޭނުންތަކަކަށް ގެސްޓުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ދަމާކް ޕްރޮޕަޓީސް އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި ރިސޯޓުގެ ޓްރޮޕިކަލް ގާޑަންތަކުގައި 12 ޓްރީޓްމަންޓް ސުއިޓް، ވައިޓަލިޓީ ޕޫލް، ސައުނާ އަދި ސްޓީމް ރޫމްގެ އިތުރުން ބިއުޓީ ސެލޫނެއް ވެސް ހުންނާނެ ކަމަށެވެ. މެންޑަރިން އޮރިއެންޓަލްގެ ވެލްނެސް ޕްރެކްޓިޝަނަރުންގެ އެކްސްޕާޓް ޓީމުން ފަރުމާކޮށްފައިވާ ތަޖުރިބާތަކާއި އެ ގްރޫޕްގެ ސިގްނޭޗާ ޓްރީޓްމަންޓްތައް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި 33 ޕްރޮޕަޓީ ހިންގަ އެވެ.