ދިރާގާއި މަމްސް އެއިޑް ގުޅިގެން އެ ޖަމިއްޔާ "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، މި އަހަރުގެ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

މަމްސް އެއިޑަކީ އަންހެނުން، ޚާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި އުފެދިފައިވާ ޖަމިއްޔާއެކެވެ. "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑްގެ މުހިންމު ޕްރޮގްރާމެކެވެ.

ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑް އަށް އެއްބާރުލުންދީ މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަންހެނުން ބާރުވެރިކުވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގައި ޚާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއް. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވަފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން މި ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން،" ބިޝާރާ ވިދާޅުވި އެވެ.

މަމްސް އެއިޑްގެ ޕްރޮގްރާމް ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިއެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ "ރަމަޟާން އެއިޑް" ކެމްޕެއިނަށް ދިރާގުން ދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންއަޅާލާ މައިންނަށް ފޯރުކޮށްދެވޭނެ،" މަމްސް އުމްރާ ވިދާޅުވި އެވެ.

"ރަމަޟާން އެއިޑް" ކެމްޕެއިނަކީ ރާއްޖޭގެ އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް ސަޕޯޓްކުރުމުގެ ގޮތުން މަމްސް އެއިޑްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ރަމަޟާން މަހު ކުރިއަށްގެންދާ މި ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށްވެސް ހުޅުވާލައިފަ އެވެ.

ދިރާގުން އަންނަނީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުންނެވެ.