އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ "ކްރޮޕް ތަކާފުލް" ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ ދަނޑުތަކަށް ލިބޭ ގެއްލުންތަކުގައި ދަނޑުވެރިންނަށް އެހީތެރިވުމަށް ތައާރަފްކުރި އިންޝުއަރެންސް ޕްލޭނެކެވެ.

ކްރޮޕް ތަކަފުލް އަކީ ގުދުރަތީގޮތުން ދިމާވާ ހާދިސާތަކުގައި ދަނޑުތައް ހަލާކުވުމުން، ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ އިންޝުއަރެންސް ޕްލޭނެކެވެ. މިއީ ރާއްޖޭގައި މިދާއިރާއިން ތައާރަފްކުރި ފުރަތަމަ އިންޝުއަރެންސް ޕްލޭނެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މޭނެޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ދަނޑުވެރިންނަށް ޚާއްސަކޮށްގެން އިންޝުއަރެންސް ޕްލޭނެއް ތައާރަފްކުރުމަކީ ވަރަށް މުހިންމު އަދި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމެއް ކަމަށެވެ.

"ވަރަށް މުހިންމު ފެށުމެއް. ވަރަށް ބޮޑަށް ލަސްވެސް ވެއްޖެ. އެހެން ވިޔަފާރިތަކާއި އެއްގޮތަށް ދަނޑުވެރިކަން ވެސް ކުރަނީ ވިޔަފާރި އުސޫލުން. އެހެންވީމަ އެހެން ވިޔަފާރިތަކަށް އިންޝުއަރެންސް ޚިދުމަތް ލިބޭ ފަދައިން ދަނޑުވެރިންނަށް މިޚިދުމަތް ލިބުން މުހިންމު،" ފިރުޝާން ވިދާޅުވި އެވެ.

އަޔާދީ ތަކަފުލްގެ މެނޭޖަ ފާތިމަތު ނިޒްމާ ވިދާޅުވީ މި އިންޝުއަރެންސް ޕްލޭން ތަޢާރަފްކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުގެ ދަނޑުވެރިންނާއެކު މަޝްވަރާކުރި ކަމަށެވެ. އަދި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ޕްރޮޑަކްޓް ހެދިއިރު ވެސް ވަރަށް ގިނަ ދަނޑުވެރިންގެ ޚިޔާލު ހޯދިން. އެގޮތުން، ފެން ބޮޑުވެގެންނާއި މިފަދަ ގުދުރަތީ ކާރިސާތަކުން ދަނޑުތަކަށް ގެއްލުންވެފައި ހުރީ. އެހެންވީމަ ފުރަތަމަ މި ފަށަނީ އެދާއިރާތަކަށް ޚާއްސަކޮށްގެން. އެހެންނަމަވެސް އިތުރު ދާއިރާތައް މިއިންޝުއަރެންސް ޕްލޭންގައި ހިމަނަން މަސައްކަތް ކުރަމުންދާނަން،" ނިޒްމާ ވިދާޅުވި އެވެ.

"ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށް އަޔާދީއިން ބުނެ އެވެ. އެގޮތުން އޮންލައިންކޮށް ވަގުތުން ނެގޭ މި ހިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާ އިރު، މިވަގުތު މި ހިދުމަތުގެ ކަވަރޭޖު ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދާ ދިނުމަށެވެ.

އެހެންކަމުން "ކްރޮޕް ތަކާފުލް" ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭންގެ މުއްދަތުގައި މިފަދަ ގެއްލުމަކާއި ކުރިމަތިވެއްޖެނަމަ، ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާއެކު ފޮޓޯ ހުށައެޅުމުން ބަދަލު ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާ ވެސް ހިމެނޭ ގޮތަށް ކަމަށް އެލައިޑުން ބުނެ އެވެ.

މިހާރު ވެސް ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާ، ބާރުވެރިވެރިކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އެލައިޑް އިންޝުއަރަންސްއިން އުއްމީދުކުރާ ގޮތުގައި "ކްރޮޕް ތަކާފުލް"އަކީ ވެސް ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭން ހިދުމަތަކަށް ވެގެންދާނެ އެވެ. އެގޮތުން "މައި އެލައިޑް" މެދުވެރިކޮށް ވަގުތުން، ފަސޭހައިން ނެގޭ މިހިދުމަތުގެ ބޭނުން ހުރިހާ ފަރާތްތަކުން ވެސް ކުރާއްވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެލައިޑުން ފާހަގަކުރި އެވެ. އަދި މިކަމަށް ހިނގާނެ ހަރަދު ބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި މައި އެލައިޑް މެދުވެރިކޮށް އަގު ބަލާލެވޭނެ ކަމުގައި އެކުންފުނިން ބުނެ އެވެ.