ސްޓެލްކޯއިން އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ "ލީޑަޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިން" ޓްރެއިނިން ނިންމި ބައިވެރިންނަށް އިއްޔެ ސެޓެފިކެޓް ދީފި އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ބޯޑުގެ ޗެއާމަން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީއާއި، ބޯޑު މެމްބަރު އަހުމަދު ލަތީފްގެ އިތުރުން ބޯޑު މެމްބަރު މޭޖަރު ރިޓަޔާޑް ތޮލްހަތު ހަސަން އެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމްގައި އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 31 ބޭފުޅަކު ބައިވެރިވި ކަމަށެވެ.

އއ. އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިން ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓް ހުސެން ފަރުހާދު ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް ރޭވިގެން ކުރިއަށް ދަނީ، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ދުރުވިސްނުމާއި، މުވައްޒަފުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަމާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ގެންގުޅެންޖޭހޭ ހަރުދަނާ އަސާސްތައް އަބަދުވެސް ނެގެހެއްޓުމުގެ މުހިއްމުކަމާއި، އެކަމުގެ ހުނަރުތަށް ދަސްކޮށްދިނުމަށް ކަމަށެވެ.

ސްޓެލްކޯއިން އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެ ޓްރެއިނިންއަކީ ވަރަށް މުހިއްމު ޓްރެއިނިންއެއް ކަމަށާއި، ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީ، ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އޭގެ ސަބަބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވާ ފަދައިން، މީހުން ބިނާ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ މީހުންނަކީ، އެންމެ ބޮޑު އެއް ރައުސުލްމާލު، އަދި މީހުން ބިނާކޮށްގެން މެނުވީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ. އެހެންވީމަ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެން ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް، މިފަދަ ޓްރެއިނިންތައް ހިންގައިގެން މި އަދާ ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ލީޑަޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށާއި، މިފަދަ ޓެރެއިނިންތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭން ނޫން ކަމަށެވެ. އަދި މިފަދަ ޓެރެއިނިންތަކުގެ ބޭނުމަކީ އެ ރަށެއްގެ މާހައުލަކަށް ފެތޭ ގޮތަށް ސިކުނޑިއާއި، ލޯ ހުޅުވާލަދީ، ކަންކަމަށް މަގުފަހިކޮށް އަދި، ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މެނޭޖަރުން ވާން ޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއް ވެސް ލީޑު ކުރަންވަން ޖެހޭނެ ކަމަށެވެ އަދި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮއްނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ހިންގުމަށް ރާވަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި އަހަރުތެރޭގައި އެ ޓްރެއިނިންތައްވެސް ހިންގާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.