މި ރޯދަ މަހު ލުނބޯގެ އަގު ކޮންޓްރޯލްކުރަން އެސްޓީއޯއިން ދެ ޓަނުގެ ލުނބޯ ގެނެސްފި އެވެ.

އާއްމުކޮށް ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ބާޒާރުގައި ލުނބޯ ވިއްކާ އަގު ވިޔަފާރިވެރިން ބޮޑުކުރެ އެވެ. މިހާރު ވެސް ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 80 ރުފިޔާ ގަ އެވެ. އަދި މިރޯދަ މަހު ލުނބޯގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް މިހާރު ވެސް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

ނަމަވެސް، ބާޒާރުގައި ލުނބޯގެ އަގު ކޮންޓްރޯލްކުރަން އެސްޓީއޯއިން ވަނީ ރޯދަމަހާ ދިމާކޮށް ދެ ޓަނުގެ ލުނބޯ ގެނެސް ވިއްކަން ފަށައިފަ އެވެ.

އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60 ރުފިޔާ އަށެވެ. އަދި މިއާއެކު ބާޒާރުގައި ލުނބޯގެ އަގު ހިފެހެއްޓިފައި ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް ވިޔަފާރިން އިންތިހާއަށް ބޮޑުކުރެ އެވެ. އެހެންވެ އާއްމުކޮށް ރޯދަމަހު ބޭނުންކުރާ ބާވަތްތައް އެސްޓީއޯއިން އަންނަނީ އެތެރެކޮށް ވިއްކަމުންނެވެ. މިގޮތުން މިއަހަރު ވެސް ފިޔާ، ބިސް، އަލުވި ގެނެސް ބާޒާރުގައި ވިއްްކާ އަގަށް ވުރެ ހެޔޮއަގުގައި ވިއްކަން ވަނީ ފަށައިފަ އެވެ.

އެސްޓީއޯއިން ވަނީ ފިޔާ ބިސް އަލުވި ހޯލްސޭލްކޮށް ވިއްކާ އަގު ވެސް ހެޔޮކޮށްފަ އެވެ. އެގޮތުން ފިޔާ ބަސްތާއެއް 160 ރުފިޔާއަށް ވިއްކާއިރު އަލުވި ބަސްތާއެއްގެ އަގުވަނީ 240 ރުފިޔާއަށް ހެޔޮކޮށްފަ އެވެ. އަދި ބިސް ކޭހެއް 280 ރުފިޔާއަށް ހެޔޮކޮށްފައިވެ އެވެ.

އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް ފަސޭހައިން މުދާ ލިބޭނެ ގޮތް ހެދުމުގެ ގޮތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި އާ ހޯލްސޭލް ސެންޓަރެއް ވެސް ހުޅުވާފަ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރޯދަ މާޓްގެ ނަމުގައި ހާއްސަ ފިހާރައެއް ވެސް ވަނީ ހުޅުވާފަ އެވެ.