މިދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާއިން ހިއްސާއަކަށް 7.33 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހި އަދަދަށް ވުރެ 1.13 ރުފިޔާ އިތުރު އަދަދެކެވެ.

ކްރޮސްރޯޑްގައި ބޭއްވި ދިރާގުގެ 34 ވަނަ އަހަރީ އާންމު ޖަލްސާގައި 125 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. އެއީ 71.3 މިލިއަން ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނެވެ.

މި ޖަލްސާގައި ފާސްކޮށްފައި ވަނީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 557 މިލިއަން ރުފިޔާ ބެހުމަށެވެ. އެއީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66 ރުފިޔާގެ މަގުން 126 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.67 ރުފިޔާ މަގުން 431 މިލިއަން ރުފިޔާ އެވެ.

ދިރާގުގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މިދިޔަ އަހަރު ދިރާގުން ހިއްސާއަކަށް ބަހާފައި ވަނީ 6.20 ރުފިޔާ އެވެ. މިދިޔަ އަހަރު ބަހާފައި ވަނީ 471 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަހަރު ހިއްސާދާރުންނަށް ބަހަން ފާސްކުރި އަދަދަކީ 86 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ 87 ޕަސެންޓް ވޯޓާއެކު އޮޑިޓަރުންގެ ގޮތުގައި އައްޔަންކުރީ ކޭޕީއެމްޖީއެވެ.