މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ހުނަރުވެރި އަދި ގާބިލް ފަޔާ ވެހިކަލް އޮޕަރޭޓަރުން އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ލީޑިން ފަޔާ ފައިޓާ ކޯހުގެ 13 ވަނަ ބެޗް ނިންމާލައިފި އެވެ.

މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ޗީފް ހިމަން ރިސޯސަސް އޮފިސަރު ގުރައިޝާ އިސްމާއީލް އެވެ. އަދި ކާޑެއްދޫ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ހަބީބާއި އެމްއޭސީއެލްގެ އެއާޕޯޓް އިމަޖެންސީ ސާވިސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި ފަސް ހަފްތާގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ކޯހަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި ނޭޝަނަލް ފަޔާ ޕްރޮޓެކްޝަން އެސޯސިއޭޝަން (އެންއެފްޕީއޭ) ގެ މިންގަނޑުތަކާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ ކޯހެކެވެ. އަދި މިކޯހުގައި ކިޔަވައިދެއްވާފައި ވަނީ އެމްސީއޭއޭގެ ސެޓިފައިޑް ޓްރެއިނަރުންނެވެ.

އެމްއޭސީއެލް އިން ބުނީ މި ތަމްރީން ޕްރޮގްރާމް 19 ފަޔަމަނުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއޭސީއެލްގެ އެއާޕޯޓް ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ 17 ފަޔާމަނުންނާއި ކާޑެއްދޫ އެއާޕޯޓުގެ ދެ ފަޔާމަނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ކޯހުގައި އެއާޕޯޓް އިމާޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވާ ފަޔާ ވެހިކަލްތައް އެކަށީގެންވާ ގޮތެއްގައި އޮޕަރޭޓްކުރާނެ ގޮތުގެ ތިއޮރިޓިކަލް އަދި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދިޔަ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އެމްއޭސީއެލް އިން ހިންގި ލީޑިން ފަޔާމޭން ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

"ނަތީޖާއެއްގެ ގޮތުން މި ކޯހަކީ ކާޑެއްދޫ އެއާޕޯޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ މަސައްކަތުގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދަމަހައްޓާނެކަން ކަށަވަރުވެގެންދާނެ،" އެ ކުންފުނިން ބުނެ އެވެ.

ޑެޕިއުޓީ ޗީފް ހިއުމަން ރިސޯސަސް އޮފިސަރު ގުރައިޝާ އިސްމާއިލް ވިދާޅުވީ މިކޯހުގެ ސަބަބުން އެއާޕޯޓް އިމަޖެންސީ ސާވިސަސް އޮޕަރޭޝަނަށް ބޭނުންވެފައިވާ، ތަމްރީނު ލިބިފައިވާ އަދި ހުނަރުވެރި ފަޔާ ވެހިކަލް އޮޕަރޭޓަރުން ލިބިގެންދާނެ ކަމަށެވެ.

ގުރައިޝާ ވިދާޅުވީ ހުރިހާ ފަޔާމަނުން ވެސް އެ މީހުންގެ ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އެކަކު އަނެކަކަށް އިހުތިރާމާއި ވަފާތެރިކަމާއި އިހުލާސްތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ލީޑިން ފަޔާމޭން ކޯހަކީ އެއާޕޯޓުގެ އޮޕަރޭޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އޭވިއޭޝަން އިންޑަސްޓްރީގެ އެކި ދާއިރާތަކަށް އިތުރުވަމުން އަންނަ ޑިމާންޑްތަކަށް އެމްއޭސީއެލް އިން ހާއްސަ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.