ދިރާގުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު އިނާމުތަކާއި ކޮންމެ ހަފުތާއަކު "ބޮޑު ހަދިޔާ" އާއެކު ރޯދަމަހަށް ޚާއްސަ ޕްރޮމޯޝަންތަކެއް އިއުލާނުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި އޮފާތަކާއި އެ ކުންފުނީގެ ރަމަޟާން މަހުގެ ޚާއްސަ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ދިރާގު ބޮޑު ހަދިޔާއާއެކު އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ހަފްތާއަކު "މައިޑިއާ" ބްރޭންޑްގެ އަގުހުރި ހޯމް އެޕްލައިންސް ޕެކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މި ޕެކްގެ ތެރޭގައި ފުލީ އޮޓޮމެޓިކް ދޮންނަ މެޝިން، ދެ ދޮރު ލީ އައިސް އަލަމާރި، އަވަން، މައިކްރޮވޭވް އަދި ވެކިއުމް ކްލީނާގެ އިތުރުން އެހެނިހެން ސާމާނު ވެސް ހިމެނޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ގެންގުޅޭ ހުރިހާ އެކްޓިވް ކަސްޓަމަރުން ވެސް މީގައި ހިމެނޭނެ އެވެ.

މީގެ އިތުރުން "ބޯނަސް މެގަ ހަދިޔާ"ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ވެސް ދޭން ދިރާގުން ނިންމާފައިވެ އެވެ.

މި ރޯދަމަހު ދިރާގުގެ ޚާއްސަ ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް އެ ކުންފުނީގެ މާކެޓިން ޑިޕާޓްމަންޓްގެ އިސްވެރިން ދެއްވަނީ. ފޮޓޯ: ދިރާގު

ދިރާގު މޮބައިލް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ރަމަޟާން މަހުގެ ހާއްސަ ގިނަ ޕްރޮމޯޝަންތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

އޭގެ ތެރޭގައި:

  • ޑެއިލީ ގިފްޓް: ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ހެނދުނު 9:00 އަށް ކަސްޓަމަރުންނަށް ހާއްސަ ލިމިޓެޑް ޓައިމް އޮފާ އެޑް-އޮން އެއް ކާމިޔާބު ކުރެވޭނެ. މި ލިބޭ ޚާއްސަ އެޑް-އޮން 1 ކަލަންޑަރު ދުވަހަށް ބޭނުންކުރެވޭނެ.
  • ބޯނަސް ގިފްޓް: ދިރާގު އެޕް މެދުވެރިކޮށް އެޑް-އޮންއެއް ނުވަތަ ބޫސްޓާއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް 24 ގަޑިއިރުގެ މުއްދަތަކަށް އިތުރު ހިލޭ އޮފާއެއް ލިބޭނެ.
  • ރޯދަ ހަދިޔާ ފިހާރަ: ދިރާގު އެޕްގެ ޑިޖިޓަލް ރޯދަ ހަދިޔާ ފިހާރައިން ޚާއްސަ އެކްސްކްލޫސިވް އޮފާތަކެއް ހުރިހާ ކަސްޓަމަރުންނަށް ވެސް ލިބޭނެ.
  • ޑަބަލް ޑޭޓާ ބޫސްޓާ: ރަމަޟާން މަހުގެ ލިމިޓެޑް ޓައިމް އޮފައެއްގެ ގޮތުން ޚާއްސަ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ބޫސްޓާ ނަގާ ކޮންމެ ފަރާތަކަށް ވެސް ދެގުނު ޑޭޓާ ލިބޭނެ.

ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޚާއްސަ އޮފާތަކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއަހަރު ދިރާގު ރަމަޟާން މަހުގެ ކެމްޕެއިންގެ ޝިޔާރު ބިނާކޮށްފައި ވަނީ މަންމައިންގެ އަގު ވަޒަންކުރުމަށާއި މަންމަޔާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ. މިގޮތުން މިޝިޔާރާ ގުޅުވައިގެން ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ވަނީ މަމްސް އެއިޑް އެންޖީއޯގެ "ރަމަޟާން އެއިޑް" ކެމްޕެއިންގެ ޕާޓްނަރަކަށްވެފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މީގެ ދަށުން އެހީތެރިކަން ބޭނުންވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ ތެރޭގައި އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންއަޅާލާ މައިން ހިމެނޭ ކަމަށް ވެސް ދިރާގުން ބުނެ އެވެ. މީގެ އިތުރުން މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަ ރޯދަވިއްލާ ޕެކްތަކެއް ވެސް ފޯރުކޮށްދޭނެ ކަަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް *454# ޖަހައިގެން އެސްއެމްއެސްއިން އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގުޕޭ ވެޕް ޕޯޓަލް ނުވަތަ އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ކޮންމެ އަހަރަކު ވެސް އަންނަނީ ކަސްޓަމަރުންނަށް ޚާއްސަ އާ އޮފަތައް ގެނެސްދެމުންނެވެ. އަދި މި ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް ވުމަށް ވެސް އެކުންފުނިން އެދިފައިވެ އެވެ.