މިދުވަސްވަރު ބާޒާރުގައި ކާށީގެ އަގު އިންތިހާއަށް އުފުލިފައިވާތީ އެސްޓީއޯއިން ކާށި އެތެރެކުރަން ނިންމައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުންފުނިން ގެންނަ ކާށި ޝިޕްމަންޓް މިމަހު 27 ގައި މާލެ ވަންނާނެ ކަމަށެވެ.

އެސްޓީއޯއިން ކާށި ގެންނަނީ އިންޑިއާއިންނެވެ.

"މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން" އަމްރު ވިދާޅުވިއެވެ.

ރާއްޖޭގެ ބާޒާރުގައި ކާށި ލިބުން ދަތިވެފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި ރުއްތަކަށް ގޮތް ނޭނގޭ ބަލިތަކެއް ޖެހި، މަތިވަރު ހުސްވުމާ ގުޅިގެންނެވެ. މި ބަލިތައް ބޮޑަށް ފެތުރިފައި ވަނީ ރާއްޖޭގެ އުތުރުގެ ރަށްތަކުގަ އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، ބާޒާރުގައި ކާށީގެ އަގު ތިރިވަންދެން އެ ކުންފުނިން ކާށި ގެންނާނެ ކަމަށެވެ. އަދި އެ ކުންފުނިން ކާށި ވިއްކާނީ އެ ވަގުތު ބާޒާރުގައި އެހެން ފަރާތްތަކުން ވިއްކާ އަގަށް ވުރެ ހެޔޮކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޯދައާ ދިމާކޮށް، އާންމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ ތަކެތީގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރޯދައާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެތަކެތި ވެސް އަންނަނީ އަގު ހެޔޮކޮށް ވިއްކަމުންނެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް 9ރ. އަށް ލިބޭ އިރު އަލުވި ކިލޯއެއް ވިއްކަނީ 11ރ. އަށެވެ. އަދި ބިހެއް ވިއްކަނީ 1.75ރ. އަށެވެ.

އެސްޓީއޯއިން މި ބާވަތްތަކުގެ އިތުރުން، އެހެން ތަކެތީގެ އަގުތައް ވެސް އާދަޔާ ހިލާފަށް ބޮޑުވާ ނަމަ، އެތަކެތީގެ އަގު ވެސް ކޮންޓްރޯލު ކުރަން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.