މީޑިއާނެޓުން ކޮންމެ ރަމަޟާން މަހަކަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ "މީޑިއާނެޓް ރޯދަ ހަދިޔާ" ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފި އެވެ.

މީޑިއާނެޓްގެ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް 20 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި މީޑިއާނެޓުގެ ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދޭ ކުންފުނިން ހިންގާ މި ޕްރޮމޯޝަންގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީޑިއާނެޓުގެ ޚިދުމަތް ޓީވީ އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިށް ބޭނުން ކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އެގޮތުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ސަބްސްކްރިޕްޝަން ޕެކޭޖަށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން، ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހަމަ އެއާއެކު ބޭނުންކުރަމުންދާ ޕެކޭޖަށްވުރެން މަތީ ޕެކޭޖަކަށް އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ކޮންމެ ދުވަހަކު 500 ރުފިޔާގެ ގިފްޓް ހެމްޕާއެއް ލިބޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

މީޑިއާނެޓުގެ މާކެޓިންގް އެންޑް ޕީއާރް މެނޭޖަ ޖައްޔިދާ ބަދްރީ ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް މީޑިއާނެޓުގެ އަމާޒަކީ ރަމަޝާން މަހު އާއިލާއާއެކު ހޭދަކުރުމަށް ލިބޭ އުފާވެރި ވަގުތުގައި މީޑިއާނެޓުން ވެސް ބައިވެރިވުން ކަމަށެވެ. އެގޮތުން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ރަމަޟާންމަހު މީޑިއާނެޓުގެ ޗެނަލްތަކުން ދީނީ ހޭލުންތެރިކަމާއި މުނިފޫހިފިލުވުމުގެ އެކި ޕްރޮގްރާމްތަކެއް ފެނިގެންދާނެ ކަމަށާއި، މި ޕްރޮގްރާމްތަށް ގޭބިސީތަކުގައި ޓީވީގެ ޒަރިއްޔާއިން އަދި މީޑިއާނެޓުގެ އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭނެ ކަމަށް ޖައްޔިދާ ފާހަކުރި އެވެ.

މީޑިއާނެޓުން އަންނަނީ ކޮންމެ އަހަރަކު ވެސް ރަމަޟާން މަހާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.