އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް މޫދުގައި ބަހައްޓާ ސޯލަ ޕެނަލް، "ސްޓެލްކޯ ގްރީންލައިފް ސޯލާ ޕޮޑް" ސްޓެލްކޯއިން ތައާރަފުކޮށްފި އެވެ.

ސްޓެލްކޯ އިން އުސްފަސްގަނޑުގައި ރޭ ތައާރަފުކުރި ސޯލާ ޕޮޑް ޑިޒައިންކޮށްފައި ވަނީ އަވިން ހަކަތަ އުފެއްދުމާއި ފެންމަތީގައި ހިފެހެއްޓޭ ގޮތަށެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހިގޮތެއްގައި ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެތެރެއިން މާކެޓަށް ނެރުނު އުފެއްދުމެކެވެ. މި އުފެއްދުން ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ޑިޒައިންކުރީ އެ ކުންފުނީގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ޔުނިޓުންނެވެ.

ސްޓެލްކޯ ގްރީންލައިފް ސޯލާ ޕޮޑް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިއީ ކުންފުނީގެ 70 އަހަރުގެ ތާރީޚުގައި ހޯދި އެންމެ ބޮޑު އެއްކާމިޔާބީ ކަމަށެވެ.

ތިމާވެއްޓާއި ރައްޓެހި ސަގާފަތެއް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑް. ފޮޓޯ: ސްޓެލްކޯ

މި ސޯލާ ޕޮޑަކީ މޫދުގައި ފެންމަތީގައި ހިފެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ސޯލާ ޕެނަލްތަކެކެވެ.

މުޣުނީ ވިދާޅުވީ އެއްގަމުގައި އަވިން ހަކަތަ އުފެއްދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ޖާގަ ނުލިބުން ކަމަށެވެ. ނަމަވެސް މޫދުގައި ބަހައްޓާ މިފަދަ ވަސީލަތެއްގެ ސަބަބުން ތިމާވެއްޓާ ރައްޓެހި އަދި ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ހޯދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

"މިސޯލާ ޕޮޑު ފަރުމާކުރެވިފައި މިވަނީ ޖާގައޮތް ބޮޑު ފަޅެއްގައި މިފަދަ ގިނަ ޕޮޑުތަކެއް އެކަތި އަނެކައްޗާ ފަސޭހައިން ގުޅާލައި ރާވާލައިގެން ގިނަ ޢަދަދެއްގެ ހަކަތަ ނެގޭގޮތަށް. މިއަދު މި އިފުތިތާހު ކުރެވޭ ސޯލާ ޕޮޑުތަކުގެ ސްޓޭންޑާޑް ސައިޒްތަކަކީ 8 ޕެނަލްގެ ސިސްޓަމްތަކާއި 16 ޕެނަލްގެ ސިސްޓަމްތައް ކަމުގައި ވީނަމަވެސް ޑިމާންޑް އޮންނަ ގޮތަކަށް ބަލައި މިއުފެއްދުން އެހެން ސައިޒުތަކުން ވެސް ލިބޭނެ،" މުޣުނީ ވިދާޅުވި އެވެ.

ތިމާވެއްޓާއި ރައްޓެހި ސަގާފަތެއް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

އޭނާ ވިދާޅުވީ ސްޓެލްކޯއިން މި ސޯލާ ޕޮޑަކީ ރާއްޖޭއަށް އެކަށީގެންވާ ވަސީލަތެއްތޯ ބެލުމަށް ޓެސްޓު ބުރުތަކެއް ވެސް ބާއްވާފައިވާ ކަމަށެވެ. އެގޮތުން ވ. އަތޮޅުގައި އަޖުމަބެލުމުގެ ގޮތުން މިޕެނަލްތައް ޓެސްޓުކޮށްފައިވާ ކަމަށް މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އުފެއްދުން ބޭނުންކުރުން އިތުރުވާ މިންވަރަކުން އެ ކުންފުނިން ތެލަށްކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ފްލޯޓިން ސޯލާ ޕެނަލް ބެހެއްޓުމާއި އެތަކެތި މައިކަރަންޓު ވިއުގާ ގުޅާލުމަށް އެ ކުންފުނީގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. މި ސޯލާ ޕެނަލްތަކަކީ 25އަހަރުގެ ވޮރަންޓީއާއެކު ނެރޭ އުފެއްދުމެކެވެ. މިއުފެއްދުން މާދަމާއިން ފެށިގެން ގަންނަން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.