ހުޅުމާލޭގައި ހުންނަ ވާޓިކަލް ޕާކިން ސިސްޓަމްތައް ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ހިންގަން ހަވާލުކުރަން ނިންމާފައި ވަނީ ނިރޮޅު މަގާއި ކަނީރު މަގު އަދި ބޯގަންވިލާ މަގުގެ ބައެއް ސަރަޙައްދުގައި ހުރި ސިސްޓަމްތަކެވެ.

ވާޓިކަލް ޕާކިންއަކީ ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވުމާއިއެކު، އިންޖީނުލީ އުޅަނދު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ޒަމާނީ ލުޔެއް ހޯދައިދިނުމަށް 2017 ވަނަ އަހަރު ހަރުކުރި ސިސްޓަމްތަކެކެވެ. ނަމަވެސް މިހާތަނަށް އެ ސިސްޓަމްތައް ހުރީ ބޭނުންނުކޮށެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައި ވަނީ ހުޅުމާލޭގައި ބަހައްޓާފައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވިފައި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީ ކަމަށެވެ. އަދި މި މަޝްރޫއު ނުނިމި އޮތީ އޭރު އެޗްޑީސީއަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ދެއްކޭނެ ގޮތެއް ނެތުމުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ނަމަވެސް އެ މައްސަލަތައް ހައްލުކޮށް ސިސްޓަމްތައް ބޭނުންކުރަން ތައްޔާރުވެފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ހުޅުމާލޭގައި އެކި ސަރަޙައްދުތަކުގައި ދިހަވަރަކަށް ވާޓިކަލް ޕާކިން ސިސްޓަމް ބަހައްޓާފައިވެ އެވެ. މީގެ ތެރެއިން އެޗްޑީސީން ހުޅުވާލާފައި މިވަނީ 6 ޕާކިން ސިސްޓަމް އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

އެއީ ނިރޮޅު މަގުގައި ހުރި ދެ ޕާކިން ސިސްޓަމާއި، ބޯގަންވިލާ މަގުގައި ހުރި 3 ސިސްޓަމް އަދި ކަނީރުމަގުގެ ޕާކިން ސިސްޓަމެވެ. މީގެ ތެރެއިން 5 ސަރަޙައްދެއްގައި ބަހައްޓާފައި ވަނީ 26 ކާރު ޕާކުކުރެވޭ ސިސްޓަމްތަކެވެ. އެއް ސިސްޓަމަކީ 36 ކާރު އެއްފަހަރާ ޕާކު ކުރެވޭނެ ސިސްޓަމެވެކެވެ.

ޕާކިން ސިސްޓަތައް އޮޕަރޭޓް ކޮށްދީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ އަންނަ މަހުގެ 3ވަނަ ދުވަހު އެވެ. މިއީ ޖުމްލަ 166 ޕާކިން ސްލޮޓެކެވެ.

ހުޅުމާލޭގައި އާއްމު ޕާކިން ޒޯންތައް އިތުރުކުރުމާއި، އަދި ސްމާޓް ޕާކިން ޒޯންތަކެއް ވެސް އެޗްޑީސީން އަންނަނީ ހަދަމުންނެވެ.