މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނާ ކައިރިކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 483،624 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22.7 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 394،204 ޓޫރިސްޓުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 5،898 ޓޫރިސްޓުން ޒިޔާރަތްކުރެއެވެ. މިއާއެކު ކުރިއަށް އޮތް ހަފްތާ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އަދަދު ބައި މިލިއަން ހުރަސްކުރާނެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އެގޮތުން، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 59،987 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ޗައިނާގެ ބޯޑަރުތައް ހުޅުވާލާ އެ ގައުމުން ވެސް މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަން ވަނީ ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއިން ރާއްޖެއަށް 15،175 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި 8 ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އެ ގައުމުންނެވެ.