ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ، "ވިނަރެސް" ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ މީހުން ތަރުތީބު ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީން( ބުނެފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓްގައި ޕޮއިންޓުގެ ގޮތުން އެއްވަރު މީހުންގެ ފްލެޓް ތަރުތީބު ކަނޑައެޅުމަށް އަންނަ ބުދަ ދުވަހު ގުރުއަތު ނަގާނެ ކަމަށެވެ.

ވިނަރެސްގެ ދާއިމީ ލިސްޓް އިޢުލާންކުރީ މިދިޔަ ފެބްރުއަރީމަހުގެ 2ވަނަ ދުވަހު އެވެ.

ވިނަރެސްގެ ދާއިމީ ލިސްޓުގައި ހައުސިން މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓު ދިނުމަށްފަހު އެވެ.

އެޗްޑީސީން ބުނީ އެ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޯ އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނަފައިވާ ފަރާތްތަކާއި އަދި ދެމަފިރިން ވަކިން ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުތަކުގައި ސޮއިކޮށްފައިވާ ފަރާތްތައް ވަނީ މި ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ. އަދި ދާއިމީ ލިސްޓް ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި އެޗްޑީސީން ހުށަޅާފައިވާ ފަރާތްތަކަށްވެސް އިތުރު ފުރުޞަތެއް ނޯންނެކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ ޕޮއިންޓްގެ ގޮތުން އެއްވަރުވި ފަރާތްތައް ތަރުތީބުކުރުމަށް ނަގާ ގުރުއަތަށްފަހުގައި، ބުކިން ފީ ނެގުމާއި "ވިނަރެސް" އެޕާޓްމަންޓް އިހްތިޔާރުކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ. މި ފުރުސަތު ދޭނީ ލިސްޓު ތަރުތީބުކޮށް ޝާއިއުކުރާ ލިސްޓާ އެއްގޮތަށް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނިގޮތުގައި ލިސްޓު ތަރުތީބު ކުރުމަށް ނަގާ ގުރުއަތުލުން އެޗްޑީސީގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ ހަރަކާތް އޮބްޒާވްކުރުމަށް ދެ ކެޓަގަރީން ވެސް މަދުވެގެން ފަސް މީހަކަށް ފުރުސަތު ދޭން ނިންމާފައިވާއިރު އެ މީހުންނަށް ގުޅާނީ ހަމައެކަނި އެޗްޑީސީގެ ހޮޓްލައިން 3353535 ނަމްބަރުން އެކަނި ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ނަމްބަރުގެ އިތުރުން އެޗްޑީސީގެ އެއްވެސް މޮބައިލް ފޯނު ނަމްބަރަކުން ވިނަރެސް މަޝްރޫއާ ގުޅޭގޮތުން ނުގުޅާނެ ކަމަށާއި އަދި އެސްއެމްއެސް އަދި އެއްވެސް ލިންކެއް ވެސް ނުފޮނުވާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ވިނަރެސް ހައުސިން މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު ތަރައްގީކޮށްފަ އެވެ. ވިނަރެސް މަޝްރޫއުގައި 1344 ފްލެޓު ހިމެނެ އެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ ފްލެޓްތަކެކެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.5 މިލިއަނާއި 3.047 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.