އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕީސީބީއަށް ސަރުކާރުން ފޮނުވައިފި އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ސައީދު އައްޔަންކުރުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ޕީސީބީން އަންނަނީ ފުރިހަމަކުރަމުންނެވެ.

އެސްޓީއޯގެ ހިންގުން ސައީދާ ހަވާލުކުރަން މި ނިންމީ، އެ މަގާމުގައި ހުންނެވި ހުސެއިން އަމްރު ވަކިކުރެއްވުމަށް ފަހު އެވެ.

ސައީދު، ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް 2011 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއާ ހަވާލު ކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ. އެ އޮފީސް ބަންދު ކުރަންދެން ސައީދު ހުންނެވީ އެ ތަނުގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ އަކީ އޭރު ސިންގަޕޫރުގައި ހުރި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ (އެމްއެންއޯސީ) ގެ ޗެއާމަން ވެސް އޭނާ ކުރެއްވި އެވެ.

ސައީދަކީ ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނުގެ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެމްޑީޕީ އުފެއްދުމުގައި ވެސް އިސް ދައުރެއް އޭނާ އަދާކުރެއްވި އެވެ.

އަމްރު މަގާމުން ވަކިކުރީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަމްރު މަގާމުން ވަކިކުރިއިރު އޭނާ ގެންދެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާ ގުޅިގެން ސިޔާސީ ހަރާކާތްތަކެއް ހިންގަމުންނެވެ.