ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީން ބުނީ އިއްޔެ ވަނީ ތިލަފުށި ފޭސް ދޭއްގެ "އޭރިއާ ސީ" ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިއީ ތިލަފުށި ތަރައްގީކުރުމުގެ މާސްޓާޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ތިލަފުށީގައި އަލަށް ސަރަހައްދުތައް ހިއްކަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފަށާފައިވަނީ 20 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތެވެ. މިމަސައްކަތުގެ ދަށުން ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ނިމި، މިހާރު ވަނީ ހިއްކާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ފަށާފަ އެވެ. މިމަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ.

އެޗްޑީސީން ބުނީ ފުރަތަމަ ހިއްކާ 20 ހެކްޓަރުގެ މަސައްކަތް ކުރިއަށް އޮތް 4 މަސްތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށެވެ.

ތިލަފުށީ މާސްޓަ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފަ އެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ 60 ޕަސެންޓް ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ހިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗާ އެވެ.

އެޗްޑީސީން ވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ.