ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކޮށްފިނަމަ ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަނި ކުޑަކޮށް، ދަރަނި ރީސްޓްރަކްޗާ ކުރުމާއި ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިޔުމުން ޖަވާބު ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ރޭޓިން އެޖެންސީތަކުން ސަރުކާރު ސެލެކްޓިވް ޑީފޯލްޓް ރޭޓިންއަށް ޑައުން ގްރޭޑް ކުރާކަމެއް ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތަށާއި އަދި ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ހޯދުން ދަތިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ކަމުން ދައުލަތުގެ ދަރަނި ހަމަ މަގަށް އެޅުވުމަށް ރަނގަޅު މަގަކީ ދައުލަތުގެ ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ފިޒިކަލް ސްޓްރެޓަޖީ 2023 އިން 2025 އަށް އެކުލަވާލާފައިވަނީ މިކަންކަމަށް ރިއާޔަތްކޮށްގެން ކަމަށެވެ.

މިދިޔަ އަހަރުގެ ދަރަންޏާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރު ދައުލަތުން ސީދާ ނަގާފައިވާ ދަރަނި އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނީގެ ޑެޓް ޓު ޖީޑީޕީ ރޭޝިއޯއަކީ 118 ޕަސެންޓް ކަމަށެވެ. އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނީގެ 100 ޕަސެންޓް އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 18 ޕަސެންޓެވެ. އަދި 2022 ވަނަ އަހަރު ނިމޭއިރު ޖީޑީޕީ ރޭޝިއޯ ހުންނާނެ ކަމަށް ލަފާކުރެވުނީ 111 ޕަސެންޓްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

އެއީ ދައުލަތުން ސީދާ ނަގާފައިވާ ދަރަނި 98 ޕަސެންޓް އަދި ގެރެންޓީ ކޮށްދީފައިވާ ދަރަނި 13 ޕަސެންޓް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.