ޑުބާއީން މާލެ އައި ފްލައި ޑުބާއީގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޖެއްސުމުގެ ތެރޭގައި ފުރޮޅެއް ފަޅައިގެން ދިއުމުން އެއާޕޯޓުގެ ރަންވޭ ބަންދުވެއްޖެ އެވެ.

މިއީ ވީއައިއޭގެ އާ ރަންވޭ މިދިޔަ އޮކްޓޯބަރު މަހު ބޭނުންކުރަން ފެށި ފަހުން ރަންވޭ ބަންދުވި ފުރަތަމަ ފަހަރެވެ.

މެންދުރު 2:18 ގައި ޖެއްސި ބޯޓުގެ ފުރޮޅު ފެޅުމުން އެ ބޯޓު އަދިވެސް އޮތީ ރަންވޭ މަތީގަ އެވެ. އެ ބޯޓު އެތަނުން ނެގޭނެ ގޮތެއް ނެތިގެން ރަންވޭ ވަނީ ވަގުތީ ގޮތުން ބަންދުވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން އެމްއޭސީއެލް އިން ބުނީ މަތިންދާބޯޓެއް ޖެއްސުމުގެ ތެރޭގައި ޓަޔަރެއް ފަޅައިގެން ދިއުމުގެ ސަބަބުން ދަތުރުތައް މެދުކެނޑިފައިވާ ކަމަށެވެ.

"ފަސިންޖަރުންނާއި ފަޅުވެރިން ތިބީ ސަލާމަތުން. ރަންވޭ ވަގުތީ ގޮތުން ބަންދުކޮށް، އާންމު ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން މިދަނީ. ރަންވޭ އަލުން ހުޅުވޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަގުތަކީ ހަވީރު 17:00 ގައި،" އެމްއޭސީއެލް އިން ބުންޏެވެ.

އެ ބޯޓު ޖެއްސިއިރު 83 ޕަސިންޖަރުން ތިއްބެވެ.

ވީއައިއޭގެ ރަންވޭ ބަންދުވުމުން ބައެއް ފްލައިޓްތައް ކެންސަލްވެ އަދި ޑައިވާޓްކޮށްފައި.

ވީއައިއޭގެ ރަންވޭ ބަންދުވުމާ ގުޅިގެން ހަތަރު ފްލައިޓެއް ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް ޑައިވާޓްކޮށްފަ އެވެ. އެގޮތުން ސްރީލަންކަން އެއާލައިންސް އާއި އިންޑިގޯ، އެމިރޭޓްސް އަދި ހަނިމާދޫ އާއި އިފުރުން ފަސިންޖަރުން ގޮވައިގެން މާލެ އައި މޯލްޑިވިއަންގެ ބޯޓު ވެސް ޑައިވާޓްކޮށްފަ އެވެ.

ވީއައިއޭއަށް ޖެއްސުމުގެ ތެރޭގައި ފުރޮޅު ފަޅައިގެން ދިޔަ ފްލައި ޑުބާއީގެ މަތިންދާބޯޓު ރަންވޭ މަތީގައި ހުއްޓިފައި. ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

މި ހާދިސާއާ ގުޅިގެން ބޭރުގެ ބައެއް އެއާލައިންތަކާއި ރާއްޖޭގެ ބައެއް އެއާލައިންތަކުން ވެސް ވަރަށް ގިނަ ދަތުރުތައް ކެންސަލް ކޮށްފައިވެ އެވެ.