ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ހާލަތަކީ، ކުރިން ގެންގުޅުނު އިގްތިސާދީ ވިސްނުން ބަދަލުކޮށް، އިގްތިސާދު "ރިސެޓް ކުރަން" ލިބިގެންދާ ފުރުސަތެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން އދ. ގެ ގައުމުތަކުގެ ފިނޭންސް މިނިސްޓަރުންގެ މެދުގައި އިއްޔެ ބޭއްވި އޮންލައިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިއީ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް އާރާސްތުކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ.

"ރާއްޖެ އިން މި ފުރުސަތުގެ ބޭނުން ހިފާނީ، ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

https://twitter.com/MoFmv/status/1303334274066599937

އަމީރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިޡާގެ ސަބަބުން ކުރު ރާސްތާގައި ކުރިމަތިވެފައިވާ އަދި ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބޭނުންވާނެ ފައިސާ ހޯދުމަށް ތަފާތު ގިނަ ގޮތްތަކެއް ހުށަހެޅިފައިވާ ކަމަށެވެ. ހަމަ އެއާއިއެކު، އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ވެސް ގިނަ ގޮތްތަކެއް ހުށަހެޅިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، މައިނަސް 13 އިންސައްތަ ނުވަތަ އެ އަށް ވުރެ ދަށް މިންވަރެއްގަ އެވެ. އަދި ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 50 އިންސައްތަ ނުވަތަ އެ އަށް ވުރެ ވެސް ދަށްވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިކަމުގެ ސަބަބުން މި އަހަރުގެ ބަޖެޓް 13-16 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން 290 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް މަޝްވަރާކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހަމަ އެއާއެކު، ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށް ދިނުމަށްޓަކައި 4.2 ބިލިއަން ރުފިޔާ މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ބުނެ، ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް މެދުވެރިކޮށް އެ އަދަދަށް އޯވަޑްރޯ ކުރުމަށްޓަކައި އެކައުންޓްގެ އޯވަޑްރާފްޓް ލިމިޓް އިތުރުކޮށްދިނުމަށް އެދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން މިހާރު ވަނީ ފާސްކޮށްދީފަ އެވެ. އަދި އޭގެ ތެރެއިން ބޮޑު ބައި މިހާރު ވަނީ ނަގާފަ އެވެ.

އަދި ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ޖުމްލަ ހަރަދުން ފަސް ބިލިއަނަށް ވުރެ ބޮޑު އަދަދެއް ކުޑަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި އަހަރުގެ ބަޖެޓްގައި ޖުމްލަ ހަރަދަކީ 37.8 ބިލިއަން ރުފިޔާ އެވެ. --އެމްބީއެސް