ކްރިކެޓް ދުނިޔޭގެ އެންމެ މަގްބޫލު މުބާރާތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަދު ހަވީރު ފަށައިފި އެވެ.

މި މުބާރާތުގައި މިރޭ 8:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ވާދަ ކުރާނީ 4 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ޗެންނާއީ ސުޕަ ކިންގްސް އަދި ފާއިތުވި އަހަރުގެ ޗެމްޕިއަން ޓީމް ގުޖުރާތު ޓައިޓަންސް އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް އައިޕީއެލް ފެށުމުގެ ރަސްމިއްޔާތު ބޭއްވި ވަރަށް ކުލަގަދަކޮށެވެ. މެޗު ފެށުމުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފެށީ ހުކުރު 6:00 ގަ އެވެ. އެ ރަސްމިއްޔާތުގައި ލަވަކިޔުމުގެ ދާއިރާގައި އިންޑިޔާގެ ދެވަނައެއް ނެތް ލަވަކިޔުންތެރިޔާ އަރިޖީތް ސިންގްގެ ހުށަހެޅުމެއް ހުށަހެޅި އެވެ. އަރިޖީތް ފާހަގަކޮށްލެވެނީ އިންޑިއާގެ ބޮލީވުޑްގައި އެންމެ މަގްބޫލު އަޑުގެ ވެރިޔާގެ ގޮތުގަ އެވެ. އަރިޖީތް އަކީ އިންޑިއާ އަދި މުޅި ދުނިޔޭގެ ވެސް ފަހުގެ އެންމެ މަޝްހޫރު ހިންދީ ލަވަތައް ކިޔާދީފައިވާ ލަވަކިއުންތެރިޔާ އެވެ.

އަރިޖީތްގެ އިތުރުން މަޝްހޫރު ދެ އެކްޓްރެސުންގެ ނެށުމުގެ ހަރަކާތްތައް ވެސް މި ރަސްމިއްޔާތުން ފެނިގެން ދިޔަ އެވެ. އެއީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ފިލްމު ކަމުގައިވާ ބާހޫބަލީއިން ފެނިގެންދިޔަ ބަތަލާ ތަމަންނާ ބާޓިއާ އަދި 2021 ވަނަ އަހަރު ރިލީޒްވި ހިޓް ފިލްމު ޕުޝްޕާ ގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ.

މި ދެ ބަތަލާއިންގެ ނެށުމުގެ ހަރަކާތްތަކުގެ އިތުރުން ވަރަށް ޚާއްސަ ޑްރޯން މިއުޒިކަލް ޝޯވްއެއް ވެސް މި ރަސްމިއްޔާތުގައި އޮތެވެ. ނިމިގެންދިޔަ ވޯލްޑް ކަޕްގައި ވެސް ފެނިގެންދިޔަ ފަދަ ފުރިހަމަ ޑްރޯން ޝޯވް އެއް އައިޕީއެލް ހުޅުވުމުގެ ރަސްމިއްޔާތުން ވެސް ފެނިގެންދިޔަ އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް އަދި ހުޅުވުމުގެ ރަސްމިއްޔާތު މީޑިއާނެޓު ކަސްޓަމަރުންނަށް ވަގުތުން ބަލާލެވޭނެ އެވެ. ޓީވީގެ އިތުރުން އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް މި މެޗުތައް ބެލޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން މީޑިއާނެޓުން ވަނީ "އައިޕީއެލްޕެކް"ގެ ނަމުގައި ހާއްސަ ޕެކެއް ތައާރަފްކޮށްފަ އެވެ. އެންމެ 50 ރުފިޔާއަށް މި ޕެކް މެދުވެރިކޮށް މުޅި މުބާރާތް އެއްކޮށް ބަލާލެވެނޭނެ އެވެ. މި ޕެކް މީޑިއާނެޓްގެ ކުއިކް ޕޭ އިން ކަސްޓަމަރުންނަށް ގަނެވޭނެ އެވެ.

އައިޕީއެލްގެ ހުރިހާ މެޗެއް ވަގުތުން އައިސް އެކްސްޓްރާ ޗެނަލް މެދުވެރިކޮށް ބަލާލެވޭނެ އެވެ. މިއީ ދިވެހި ޗެނަލަކުން ދުނިޔޭގެ މަގްބޫލު ކްރިކެޓް މުބާރާތެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. މި ޗެނަލް ލިބޭނީ މީޑިއާނެޓްގެ އެމްއެސް ޑިޖިޓަލް އެޕްއިންނެވެ.