މިއަދަކީ އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ ހިދުމަތަށް 28 އަހަރު ފުރޭ ދުވަހެވެ.

އެމްޑަބްލިއުއެސްސީ ވުޖޫދަށް އައިސްފައި ވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އެވެ.

ފަސްދޮޅަސް މުވައްޒަފުންނާއެކު 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 1995 ވަނަ އަހަރު ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ފެށި އެ ކުންފުނި މިހާރު މިވަނީ 1،000 އަށް ވުރެ ގިނަ މުއައްޒަފުންނާއެކު 200،000 މީހުންގެ އާބާދީއަކަށް ހިދުމަތް ފުޅާކޮށްފަ އެވެ.

މާލޭގެ އިތުރުން ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުއްޓަށް އެ ކުންފުނިން މިއަންނަނީ ހިދުމަތް ދެމުނެވެ. މިއީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބަ އެވެ.

އެ ކުންފުންޏަށް ލިބިފައިވާ އިތުބާރު ދަމަހައްޓައި، ދުވާލަކު އެންމެ 3،900 ޓަނުގެ ފެން އުފައްދަމުން އައި ކުންފުނިން މިހާރު ދުވާލަކު 43,000 ޓަނުގެ ފެން އުފައްދައި ފޯރުކޮށްދެމުންދެ އެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާ ވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމެވެ.

އެމްޑަބްލިއުއެސްސީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 28 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އެ ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ. އަދި އެ ކުންފުނި އުފެދިގެން އައީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ނަމަވެސް، މިއަދު މިވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަށް ކުރެވެމުން އައި މަސައްކަތް ފުޅާވެ، 2014 ވަނަ އަހަރުން ފެށިގެން އިންޓަގްރޭޓަޑް ޔޫޓިލިޓީޒް ސާވިސަސް މޮޑެލްގެ ދަށުން ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން، ކަރަންޓުންގެ ޚިދުމަތާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ހިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިޔުއެސްސީން ރ.ދުވާފަރުގައި ގާއިމްކޮށްފައިވާ އައިސް ޕްލާޓުން މަސްވެރިންނަށް އައިސް ފޯރުކޮށްދެނީ.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

އަދި މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި އަދި ކޮންސްޓަރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ފެން ހޮޅި އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓްކުރުމުގެ ގާބިލްކަން ވެސް ހޯދާފައިވާ ކުންފުންޏެކެވެ.

އެމްޑަބްލިޔުއެސްސީން ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕު ފެކްޓަރީ. ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިއުއެސްސީއިން ވަނީ މިދިޔަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ފެން އުފައްދައިގެން ބާޒާރަށް ނެރެފަ އެވެ. "އާރޯ" ބްރޭންޑްގެ ނަމުގައި ނެރެވިގެންދިޔަ މިފެނަކީ ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރޭ ފެނެކެވެ.

"އާރޯ" ބްރޭންޑްގެ ފެނަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ނެރޭ ފެނެކެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތައް ދިވެހި ހުނަރުވެރި ކުރެހުންތެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ފެން ބާޒާރަށް ނެރެނީ 1 ލީޓަރު އަދި 500 އެމްއެލްގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެނެވެ.

މި ފުޅި ތައާރަފް ވެގެން ދިއުމަކީ، ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް އަދުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެ ކުންފުނީގެ ފަރާތުން އެޅި މުހިންމު ފިޔަވަޅެއް ވެސް މެ އެވެ. މީގެ އިތުރުން ކުރިމަގުގައި "އާރޯ" ބްރޭންޑުގެ އިތުރު އުފެއްދުންތައް ވެސް ބާޒާރައް ނެރެ ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު އާރޯ ބްރޭޑް ފެން.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީ އިން އަންނަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން މިކުންފުނީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީ އިން އިލެކްޓޯނިކް ހިދުމަތްތައްވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް މިކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފަ އެވެ.

އެމްޑަބްލިޔުއެސްސީން ށ.ފީވަކުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެ ކުންފުންޏަށް 28 އަހަރު ކުންފުންޏަށް ފުރޭއިރު 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި އެބަ ކުރިއަށް ގެންދެ އެވެ. މިއަހަރު ނިމޭއިރު ބައެއް ރަށްތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް އެރަށުގެ ރަށްޔިތުންނަށް ލިބޭނެ އެވެ. މިހާރު ވެސް ބައެއް ރަށްތަކުގެ މަސައްކަތް ނިންމައި ޚިދުމަތް ވަނީ ފަށައިފަ އެވެ.

މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ އަދި އިޖުތިމާއި ކުޅިވަރުގެ ދާއިރާއިން ވެސް އެކުންފުނިން އެކިއެކި ޖަމިއްޔާތަކަށާއި ކައުންސިލްތަކަށާއި ސްކޫލުތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރު ފާހަގަ ކުރުމުގެ ގޮތުން ކްރޮސްރޯޑްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

މި ފުރުސަތުގައި، އެކުންފުނީގެ ލޮބުވެތި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް އަދި އެންމެހާ ލޮބުވެތި ކަސްޓަމަރުން މިކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރެ އެވެ. އަދި 28 ވަނަ އަހަރު ފާހަގަކުރަމުންދާ މި މުނާސަބަތާ ގުޅިގެން، ކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ލޮބޮވެތި ރައްޔިތުންނަށް ހެޔޮއެދުން އަރިސްކުރެ އެވެ.

އެމްޑަބްލިޔުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުންފުނީގެ ހިދުމަތްތައް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.