މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށް، މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ބޯޑާ މައިލްސް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކުރުމަށް މިއަދު ހެނދުނު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޓޫރިޒަމް މިނިސްޓަރުގެ ނައިބު އަހުމަދު އާތިފު އަދި އެމްއޭސީ.އެލްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމަކީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ޓޫރިސްޓުން ރާއްޖެއައުން ހުއްޓި، ގައުމުގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަނެ ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފުކުރި ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މިއަހަރު ރާއްޖެއައި ޓޫރިސްޓް އަދި ބޯޑާ މައިލްސް ޕްރޮގުރާމުން ޕޮއިންޓް ލިބުނު ފުރަތަމަ ޓޫރިސްޓަކީ ޖަރުމަނުގެ ޖޯސެން ޕައުލް ކާޗް ނަމަކަށް ކިޔާ މީހެކެވެ.

ޖޯސެން ރާއްޖެ އައީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު އެވެ.

މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ޓޫރިސްޓު ބުނީ އޭނާ ބުނީ މީގެ ކުރިން ވެސް އޭނާ ވަރަށް ގިނަ ފަހަރު ރާއްޖެ އައިސްފައިވާ ކަމަށެވެ. ކޮވިޑް- 19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަމަށާއި އެ މީހުންގެ އަމިއްލަ ގައުމުގައި ތިބުމަށް ވުރެ ރާއްޖެ އައުމުން އެމީހުންނަށް މާބޮޑަށް ރައްކާތެރިކަން އިހުސާސްކުރެވޭ ކަމަށް ޖޯސެން ބުންޏެވެ.

ދެ ހަފްތާގެ މުއްދަތަކަށް އޭނާގެ އާއިލާއެކު ޗުއްޓީ ހޭދަކުރާނީ ބަންޔަން ޓްރީ ވައްބިންފަރު ރިސޯޓްގަ އެވެ.

މިއަހަރު ރާއްޖެ އައި ޓޫރިސްޓާއެކު އެމްޕީއާރުސީ، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިން އެއާޕޯޓުގެ ޓާމިނަލްގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއެމްޕީއާރުސީ

އެ ޕްރޮގުރާމާ ބެހޭގޮތުން ވާހަކަދައްކަވަމުން ކޮންޓްރޯލަރު ހަނަފީ ވިދާޅުވީ މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގުރާމަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފެށުނު ރަނުގެ އައު ސަފްހާއެއް ކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށްދާ ވަރަކަށް އިތުރަށް ފުރިހަމަކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހުރީ މި ޕްރޮގުރާމްގައި ބައިވެރިވާ މީހުން ޓަޔާއަކަށް ނުދިޔަ ނަމަ ވަކި ދުވަސްތަކުން އަޅުގަނޑުމެން ޕްރޮމޯޝަނަލް އެކްޓިވިޓީތަކުގެ ތެރެއިން އެކިއެކި އިނާމްތައް ޙާސިލްކުރުމުގެ ފުރުސަތު ވެސް ހުރިހާ ބޭފުޅުންނަށް ދޭގޮތައް. އޭރުން ޓޫރިސްޓުން ވެސް މި ޕްރޮގުރާމްގައި އެންގޭޖްވާނެ ގޮތަކަށް ރޭވިގެން މި ޕްރޮގުރާމް ކުރިއަށް ވެސްދާނީ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

މިއަހަރު ރާއްޖެ އައި ޓޫރިސްޓު އެމްޕީއާރުސީގެ އިސްވެރިންނާއެކު އެއާޕޯޓުގެ ޓާމިނަލްގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއެމްޕީއާރުސީ

މި ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ. މި ޕްރޮގްރާމް ބިނާވެގެން ވަނީ ޓޫރިސްޓު މީހާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. ޚާއްސަ މުނާސަބާތަކާ ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި ލިބޭނެ އެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ ތިން ދަރަޖަ އަކަށެވެ. ބްރޮންޒް ނުވަތަ "އައިދަ" އެވެ. ސިލްވާ ނުވަތަ "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އައިދައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެން ކަމަށެވެ. އަންތަރާ އަށް ދިއުމަށް 2،000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަން ޖެހޭނީ 4،000 ޕޮއިންޓެވެ. އަނަންތަރަ އަދި އަބާރަނަ އަށް އާދެވުމުން ޓޫރިސްޓުންނަށް އިމިގްރޭޝަންގެ ކައުންޓަރުތަކުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއެކު އިމިގްރޭޝަން ކްލިއަރެންސް ހެދޭނެ އެވެ.