ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް އުމްރާ ދަތުރެއް ލިބޭނެ ޕްރޮގްރާމެއް އާބަންކޯއިން ފަށައިފި އެވެ.

އާބަންކޯ އިން ބުނީ "ޕޭ އެންޑް ވިން" ނަމުގައި ފެށި ޕްރޮގްރާމުގައި، ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ބޯހިޔަވާހިކަމުގެ މަޝްރޫއުގައި ގަވާއިދުން ކުލި ދައްކާ ފަރާތްތަކުން ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ގުރު ނަގާނީ ކޮންމެ 3 މަހަކުންނެވެ.

އާބަންކޯއިން ހުޅުވާލާ މި ފުރުސަތުގައި ގަވާއިދުން ކުލި ދައްކާ އެއްވެސް އޯވާޑިއުއެއް ނެތް ފަރާތްތަކަށް ވަގުތުން ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން އެކި ސަބަބަތަކާއި ހުރެ ކުލި ނުދެއްކި އޯވާޑިއުވެފައިވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެ މަގު އަރބަންކޯއިން ވަނީ ތަނަވަސްކޮށްދީފަ އެވެ.

ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން މި ކޯޕަރޭޝަނަށް ވަނީ ފާހަގަވެފަ އެވެ. އެހެންނަމަވެސް މި ކޯޕަރޭޝަނުން މަސައްކަތްކުރަނީ މިފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށެވެ. އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް ވާނީ ފަހިކޮށްދީފަ އެވެ. އެގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

އެ ކޯޕަރޭޝަންގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުމެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.