އެތެރޭގެ އުދުހުންތައް ފުޅާކުރުމުގެ ގޮތުން މޯލްޑިވިއަންގެ ތިންވަނަ އޭޓީއާރު މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

ގައުމީ އެއާލައިނުން މިފަހަރު ގެނައީ 50 މީހުންގެ ޖާގައިގެ އޭޓީއާރު 006-42 މަރުކާގެ މުޅިން އާ މަތިންދާބޯޓެކެވެ. އެ ކުންފުނިން މިދިޔަ ޖެނުއަރީ ހަތަރު ވަނަ ދުވަހު އޭޓީއާރު 600- 72 މަރުކާގެ ދެ ބޯޓު ރާއްޖެ ގެނެސްފަ އެވެ. 72 މީހުންގެ ޖާގައިގެ އެ ދެ ބޯޓު މިހާރު ވަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށައިފަ އެވެ.

މޯލްޑިވިއަނުން އަލަށް ގެނައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގައި މިއަދު ހަވީރު ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.

މި ދެބޯޓަކީ ޒަމާނީ ވަސީލަތްތައް ހިމެނޭ، ތެޔޮ ޚަރަދު ކުޑަ އަދި މަރާމާތުގެ ޚަރަދު ވެސް ކުޑަ ދެ ބޯޓެވެ. މިބޯޓުތަކާއެކު މޯލްޑިވިއަނުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މޯލްޑިވިއަނުން ދާދިފަހުން ވަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ބޯޓެއް ހޯދުމަށް ވެސް އިއުލާންކޮށްފަ އެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު 25 ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ދެ ބޯޓާއި، ސީޕްލޭންގެ 11 ބޯޓުގެ އިތުރުން އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ 12 ބޯޓެވެ.

މޯލްޑިވިއަންގައި މިހާރު ބޭނުންކުރާ ޑޭޝް މަރުކާގެ ބޯޓްތައް ވިއްކާލަން އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ. އޭޓީއާރުގެ ބޯޓްތަކަށް މޯލްޑިވިއަންގެ މުޅި ފްލީޓް ބަދަލު ކުރަން ނިންމާފައި ވަނީ ހަތް އަހަރު ދުވަހުގެ ތެރޭގަ އެވެ.